ކުރީގެ ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދު
ކުރީގެ ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދު
މީޑިޔާ ރެގިއުލޭޓްކުރުމާ މީޑިޔާ ކޮންޓްރޯލް ކުރުމަކީ ތަފާތު 2 ކަމެއް ކަމަށް ކުރީގެ ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެއެވެ.

ސަވާދު މިހެން ވިދާޅުވީ މީސްމީޑިޔާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ސަވާދު ވިދާޅުވީ މީޑިޔާ ރެގިއުލޭޓްކުރުމާ މީޑިޔާ ކޮންޓްރޯލް ކުރުމަކީ ތަފާތު 2 ކަމެއް ކަމަށާއި، ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުން ކޮންޓްރޯލް ކުރުމަކީ މީސްތަކުންގެ އަސާސީ ޙައްޤުތަކަށް އަރައިގަނެ ވެރިން ނުރުހޭ ފިކުރާ ބަސް ސެންސަރކުރުން ކަމަށެވެ.

“އެހެން ނަހަދާ. ރެގިއުލޭޓްކުރޭ. ކޮންޓްރޯލް ނުކުރޭ!“ ސަވާދު ވިދާޅުވެފައިވެއެވެ.



ސަވާދު މިއަދު މިހެން ވިދާޅުވެފައިވާއިރު މީޑިއާ ކޮންޓްރޯލް ބިލަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި، މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި އާންމުން ރެގިއުލޭޓް ކުރުމަށް މި ބިލުން މަގުފަހިވާ ކަމަށް، ނޫސްވެރިން މިބިލާ ދެކޮޅަށް ބޭއްވި ފޯރަމްގައިވެސް ސަވާދު ވަނީ ވިދާޅުވެފައެވެ.

އެ ފޯރަމްގައި ސަވާދު ވިދާޅުވީ، ބޭރުފުށުން މި ބިލަކީ ރަނގަޅު ނިޔަތެއްގައި ހުށަހެޅި ބިލެއްގެ ގޮތުގައި ފެނުނު ނަމަވެސް، ބިލު ރަނގަޅަށް ކިޔައިލުމުން ބިލުގެ އަސްލު މަގްސަދު ހާމަވާ ކަމަށެވެ.

އެގޮތުން 80ވަނަ މާއްދާއާއި 60ވަނަ މާއްދާއާއި 61ވަނަ މާއްދާ ކިޔާލުމުން މީޑިއާއާއި ނޫސްވެރިންގެ ވާހަކައިގެ އިތުރުން އެހެން ވާހަކަތަކެއް ބިލުގައި ހުރިކަން އެނގޭ ކަމަށް ސަވާދު ވިދާޅުވެފައިވެއެވެ.

“ޚާއްސަކޮށް އިންޓަނެޓުގެ ވަސީލަތް ބޭނުންކުރާ ހުރިހާ އެންމެން، ދިވެހި ފަސްގަނޑުގައި އުޅޭ އެންމެން ރެގިއުލޭޓް މި ކުރަނީ މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި، މީގައި އޮޅުވާލުމެއް އެބަވޭ ވަރަށް ސަރީހަކޮށް.“ ސަވާދު ވިދާޅުވިއެވެ.

އަދި މި ބިލު ފާސްވެއްޖެނަމަ މީޑިއާތައް ރެގިއުލޭޓް ކުރުމަށް ޤާނޫނީގޮތުން އޮންނަ ފަންގިފިލާ އެއްކޮށް ދިޔައީކަމަށް ސަވާދު ވަނީ ސިފަކުރަށްވާފައެވެ. ނަމަވެސް ސަވާދުގެ ތުހުމަތުތަކުގައި އަސްލެއް ނެތް ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު