އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާމެދު ނޫސްވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ބިލު ފާސްނުކުރެއްވުމަށް މަޖިލިސް މެންބަރުންނަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގޮވާލައްވައިފިއެވެ.

ސަރުކާރުގެ އެއްބާރުލުމާއެކު މީޑިއާ ރެގިއުލޭޓްކުރުމުގެ ބިލުގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލާ ދެކޮޅަށް ގިނަ އަދަދެއްގެ ނޫސްވެރިން ހިޔާލު ފާޅުކޮށް މުޒާހަރާ ކުރަމުންދަނިކޮށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މިއަދު މި ބިލް ފާސްކޮށްފައެވެ.

ދުނިޔޭގެ ޑިމޮކްރެސީ ދުވަހު މީޑިއާ ކޮންޓްރޯލް ބިލް ފާސްކުރަން އުޅުމުން ފައްޔާޒު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވީ ސަރުކާރުން މި ބިލް ޑިމޮކްރެސީ ދުވަހު ފާސްކުރަން އުޅުނު އުޅުން އާންމު ރައްޔިތުންނަށްވެސް ދޭހަވާކަމަށެވެ. މި ސަރުކާރު އައިފަހުން މިނިވަން މުއައްސަސާތައް ނިޒާމީ ގޮތެއްގައި ރޫޅާލިތަނާއި، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިތަނާއި، ރައްޔިތުންގެ މަޖިލިސް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލުގެ ދަށަށް ގެންދިޔަތަން ފެނިފައިވާ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް ވިދާޅުވީ މީޑިއާ ކޮންޓްރޯލް ބިލަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނަގާލައި ނޫސްވެރިންނަށް ބިރުދެއްކުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

ރެއާއި ދުވާލު ވަރުބަލިކަމެއްނެތި މި ބިލާމެދު ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް ނޫސްވެރިން ކުރި މަސައްކަތް ފާހަގަކޮށް ފައްޔާޒް ވަނީ އެ ކަންބޮޑުވުންތައް އަޑުއައްސަވައި މި ބިލް ފާސްވިޔަނުދިނުމަށް މަޖިލިސް މެމްބަރުންނަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް