ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
އަސާސެއް ނެތް ވާހަކަތައް ދެއްކުން މަނާކުރަން ޤާނޫނު ހެދިމީހާ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ، ސަރުކާރުން ބައެއް ވިޔަފާރިތަކަށް ވަންނަން ޖެހެނީ، ވިޔަފާރިވެރިން ސިޔާސީ ބޭނުމެއްގައި، ރާވައިގެން، ގަސްތުގައި ރައްޔިތުންނަށް ދެރަދޭތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

"ސިޔާސީ ބޭނުމެއްގަ، އޯގަނައިޒްޑް ގޮތެއްގަ، ގަސްތުގަ ބަޔަކު ރައްޔިތުންނަށް ދެރަ ދިނުމަށްޓަކައި ބައެއް ކަންތައްތައް އެބަ ކުރެއޭ." ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މީސްމީޑިއާގައި ޑރ. ޖަމީލް ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު މީޑިއާ ގާނޫނު ފާސްކުރުމަށް ޙުއްޖަތަކަށް ދެއްކެވީ އަސާސެއް ނެތް ވާހަކަތައް ދެއްކުން މަނާ ކުރުމާއި، އަބުރާ ބެހުން ހުއްޓުވަން ކަމަށެވެ. ނަމަވެސް އެ ޤާނޫނާ މިހާރު ޚިލާފުވެފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"މިހާރު އެގާނޫނާ ޚިލާފު މިވީ. މިއީ ހަމަ ބޯގަޅި ވާހަކަ. ވަށަފަރު އުނބަށް ޖެހުން މީނާ ހަމަ ރަނގަޅަށް ދަސްކޮށްފި!" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ޑރ. ޖަމީލް ވަނީ، މީޑިއާ ބިލާއި ދެކޮޅަށް ކޮންމެ ތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަސް ފަރުވާލެއް ނެތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާތީ އެކަމަށްވެސް ރައްދު ދެއްވާފައެވެ.

އެގޮތުން މީގެ ކުރިންވެސް ރާއްޖެއަށް ބުލީ ނުކުރެވޭނެ ކަމަށްބުނެ ރައީސް މުޢިއްޒު ވަރަށް ހަރުކޮށް ވާހަކަފުޅު ދެއްކެވި ކަމަށާއި، ނަމަވެސް ފަހުން ޖެހުނީ ލޯނު ދަންމައިދޭން އެދި ކުޑަކަކޫ ޖަހަން ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ތިޔަ ފެންނަނީ އަސްލު ފެންވަރު." ޑރ. ޖަމީލްގެ މެސެޖް ނިންމަވާލައްވަމުން ފާހަގަ ކުރަށްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު