ރައީސް ރަކީދޫ ރައްޔިތުންނާ ބައްދަލު ކޮށްލެއްވުން ކުރިޔަށް ދަނީ
ރައީސް ރަކީދޫ ރައްޔިތުންނާ ބައްދަލު ކޮށްލެއްވުން ކުރިޔަށް ދަނީ
ރަކީދޫގެ އާބާދީގެ 80 އިންސައްތަ މީހުން އެދޭނަމަ އެހެން ރަށަކަށް ބަދަލު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ރަކީދޫ ރައްޔިތުންނާ ބައްދަލު ކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވަނީ ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރުމަށް އެ ރަށުގެ އާބާދީގެ 80 އިންސައްތަ މީހުންގެ ތާއީދު ލިބޭނަމަ، އެކަން އެގޮތަށް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެންމެ ފަހުގެ ބޯހިމެނުން ދައްކާގޮތުން އެރަށުގެ އާބާދީގައި 360 މީހުން ތިބި ނަމަވެސް ރަށުގައި ދިރިއުޅެނީ ފަސްދޮޅަހެއްހާ މީހުންނެވެ.

ރައީސް މިއަދު ވިދާޅުވީ، ހިޖުރަކުރުމުގައި ރައްޔިތުންގެ ހިޔާލު ސާފުކަމަށާއި ރަށުން ހިޖުރަކުރުމަށް ރައްޔިތުން ބޭނުންވާގޮތް ދެނެގަތުމަށް، ރަސްމީކޮށް މަސައްކަތްތައް ކުުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ހިޔާލާއެކު ރަށުން ބަދަލުވާން ނިމިއްޖެނަމަ، ރައްޔިތުން ބަދަލުކޮށް ދެއްވާނީ ވަސީލަތްތަކާ ހިދުމަތްތައް ފުރިހަމަ ތަނަކަށް ކަމުގެ ޔަގީން ރައީސް ވަނީ ދެއްވާފައެވެ.

އޭގެއިތުރުން ރައީސް ވަނީ ރަށުން މީހުން އެހެން ރަށަކަށް ހިޖުރަކުރި ނަމަވެސް، ރަށުގައި މިހާރު ފަށާފައިވާ ރަށު ފަތުރުވެރިކަމުގެ ވިޔަފާރިތައް ހުއްޓާލަން ނުޖެހޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ހިޖުރަކުރުމުގެ ކަންތައްތައް ހަމަޖެހިއްޖެނަމަ ދިރިއުޅެވޭނެ ގެއާ، ހިޖުރަކުރުމަށް ސަރުކާރުން ދޭންޖެހޭ ބަދަލުވެސް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، މިއަދުގެ ބައްދަލުވުމުގައި ރަކީދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅަކު ވިދާޅުވީ އެރަށުގައި މިވަގުތު މި ތިބީ 61 މީހުން ކަމަށާއި، އޭގެ ތެރެއިން 41 މީހުން ބޭނުން ވަނީ ކ. ތުލުސްދުއަށް ބަދަލުވާން ކަމަށެވެ. އަދި އަނެއް 19 މީހުން ބޭނުންވަނީ މާލެ ކައިރިން ހިއްކާފައިވާ ތަނަކަށް ބަދަލު ކޮށްދިނުމަށް ކަމަށާއި، ރަށުން ބަދަލުވާން ބޭނުން ނުވަނީ އެންމެ މީހެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު