ހުޅުމާލެ
ހުޅުމާލެ
ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުންދޭން އުޅުމުން ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ، ރޭ ދަންވަރު 3:30 ހާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެސް އަދި ހިޔާގެ ބައެއް ޓަވަރުތަކުންނާއި، އެމްޕީއެލް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާރގެ ބައެއް އޮފްވެގެން ކަމަށެވެ.

އަދި އެކަމުގެ ސަބަބުން މެދުކެނޑުނު ކަރަންޓުގެ ހިދުމަތް އަނބުރާ ދެވިފައިވަނީ ފަތިހު 4:56 ހާއިރު ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ، ސަބްސްޓޭޝަނަށް ގެއްލުންދިން މައްސަލަ ކަމާބެހޭ ފަރާތަށް ހުށައަޅާ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އެކުންފުނިން މަސައްކަތްކުރަމުންދާ ކަަމަށެވެ.

"މުޖުތަމަޢުގެ ގިނަ ބަޔަކަށް ތަކުލީފަކަށްވާ، އަދި އަމިއްލަ ފުރާނައަށްވެސް ނުރައްކާތެރި މިފަދަ އަމަލުތައް ހިންގާ ފަރާތްތަށް ހުއްޓުވުމަށާއި، ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ހިއްސާ ކުރަމުން ގެންދިއުމަކީ މިކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެކެވެ." ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ވަނީ މި ހާދިސާގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށްވެސް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް