ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލަކީ ބޯވައެއް ކަމަށާއި، އޭނާގެ ސަބަބުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ގެއްލުންވާ ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

މީޑިއާ ރެގިއުލޭޓް ކުރުމުގެ ޤާނޫނުގެ ސަބަބުން ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ޑރ. ޖަމީލް ވިދާޅުުވީ، މީޑިއާ ބިލު ފާސްކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އާއި، މިނިސްޓަރ ޚަލީލްގެ ސަބަބުން ރައީސް ޑރ. މުއިއްޒަށް ލިބެމުންދަމީ ނަފްރަތާއި ރުޅި ކަމަށެވެ.

"މީޑިއާ ގާނޫނާ،މީޑިއާ ފެންޑާ ކޮންމެ ދިމާލަކުން ނަފުރަތު!" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ޑރ. ޖަމީލް ވިދާޅުވީ، މެންބަރު ނާޒިމާއި، މިނިސްޓަރ ޚަލީލު ނުދަންނަ ބަޔަކު ރާއްޖޭގައި ނެތް ކަމަށާއި، އެ ދެބޭފުޅުންނަކީ މިވެރިކަން އައުމުގެ ކުރިން، މިދިޔަ 5 އަހަރު ޕީޕީއެމް/ ޕީއެންސީގެ ފިކުރަށް މަސައްކަތް ކުރި ބައެއް ނޫން ކަމަށެވެ.

"ބޯވަގޮތަށް ބަދަލުވެގަތީ." ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.



ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، މަޖިލީހަށް އެންމެ ފުރަތަމަ ހުށައެޅި މީޑިއާ ބިލަށް މަޖިލީހުގެ ކޮމިޓީގައި ވަނީ ބައެއް ބަދަލުތަށް ގެނެސްފައެވެ. އެގޮތުން ވަކިވަކި ނޫސްވެރިންގެ ޖޫރިމަނާ ބައި އުވާލައިފައެވެ. ނަމަވެސް، ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްތަކާއި މަޖައްލާތައް 5،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.

އަދި މައްސަލަތައް ބަލާ ދުވަސްވަރު އެމީޑިއާއެއްގެ ރަޖިސްޓަރީ ހިފެހެއްޓޭ ގޮތަށް ކުރިން އޮތް މާއްދާ ވެސް މިހާރު ވަނީ އުވާލައިފައެވެ. އަދި ކުރީގެ މައްސަަލަތައް ބެލޭ ގޮތަށް އޮތް މާއްދާވެސް ވަނީ އުވާލާފައެވެ.

ބިލަށް ބައެއް އިސްލާހުތައް ގެނެސްފައިވީ ނަމަވެސް މިހާރުވެސް ޤާނޫނުގައި އޮތީ ކޮމިޝަންގެ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ދިނުމަށާއި، މަޖިލިހުން ބޭނުންވެއްޖެނަމަ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރެވޭނެ ގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު