އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ވަޙީދު، ވައްޑެ
އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ވަޙީދު، ވައްޑެ
މި 5 އަހަރު ބަޖެޓުން އެއްކަމެއްވެސް ނުނިންމައި ދެން އެދޭނީ 2 ވަނަ ދައުރެއް ދިނުމަށް ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ވަޙީދު، ވައްޑެ ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެން ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް އެކަށައަޅުއްވާނީ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވުމާ ގުޅިގެން މީސްމިޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ވައްޑެވަނީ މި ސަރުކާރު ވެރިކަމަށް އައިފަހުން ބަޖެޓް ތަކާމެދު ކަންހިނގާފައިވާ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ތަސައްވަރު ހިއްސާ ކުރަށްވާފައެވެ. ހަމައެއާއެކު 5 އަހަރުގެ މުޅި ބަޖެޓުން އެއްވެސް ކަމެއް ނުނިންމައި 2 ވަނަ ދައުރެއް ދޭން ބުނާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.

"ފުރަތަމަ އަހަރު އެމްޑީޕީ ފާސްކުރި ބަޖެޓެކޭ! ދެން ބުނީ ހައުސިން ބަޖެޓެކޭ! ދެން މިބުނަކީ 2.0 ބަޖެޓެކޭ!" ވައްޑެ ވިދާޅުވިއެވެ.

ވައްޑެ މިހެން ވިދާޅުވެފައިވާއިރު، މުލަކަތޮޅު މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މުޅި ރާއްޖެ ޑިޖިޓަލައިޒްކުރަން ސަރުކާރުން ހިންގާ "މޯލްޑިވްސް 2.0" މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓްގައި އިސްކަން ދެއްވާނެ ކަމަށެވެ. އަދި 2026 ވަނަ އަހަރާއި 2027 ވަނަ އަހަރާއި 2028 ވަނަ އަހަރުގެ ދެތިން މަސް ހިމެނޭ ގޮތަށް، މުޅި ރާއްޖޭގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ނިންމުމަށް މަސައްކަތް ކުރަށްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ތަރައްޤީގެ ވާހަކަތައް ކުރިއަށްދާންޖެހޭނީ ދެފުށްފެންނަ ގޮތަކަށް، ރައްޔިތުންގެ ބައިވެރިވުމާއެކުގައިކަން ފާހަގަކުރައްވައި، 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭނާ ގުޅޭ ޤާނޫނެއްވެސް އެކުލަވާލައްވަމުން ގެންދަވާކަން އެމަނިކުފާނު ރޭ ހާމަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު