ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ސަރުކާރުގައި ތިބީ މުއްދަތު ހަމަވެފައިހުރި ބާމުދާތަކެއް ކަހަލަ މީހުން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ، މިހާރު ފެނިގެން ދަނީ އެއްވެސް ސަރުކާރަކަށް އަދި އެއްވެސް ވެރިއަކަށް އަތްލާން ނުކުރިފަ ހުރި ބޮޑެތި ކަންކަން، މި ސަރުކާރުން ހައްލުކުރާތަން ކަމަށް މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެމްބަރު، އަހުމަދު ނާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ނާޒިމްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޖަމީލް ވިދާޅުވީ، ނާޒިމު ވިދާޅުވަނީ ކޮން އަތެއްގެ ވާހަކަ ކަމެއް އެނގި ނުލައްވާ ކަމަށެވެ.

"ކަނޑުއަޑީ ޓަނަލްގެ ވާހަކަ، އެމޮޅު އަހަރަކު 400 މިލިއަން ޑޮލަރު ލިބޭ ބަންކަރިންގެ ވާހަކަ، ތިޔަ ހުޅުވި އިންވެސްޓްމަންޓް ބޭންކުގެ ވާހަކަ، ތިޔަ ގެނައި ސައޫދީ އިންވެސްޓަރުންނާއި 8 ބ. ޑޮލަރުގެ ވާހަކަތަ؟ ނުވަތަ ހިފެހެއްޓި ޑޮލަރު ރޭޓުގެ ވާހަކަތަ؟" ޖަމީލް ވިދާޅުވިއެވެ.

އޭގެ އިތުރުން ޖަމީލް ވަނީ، މި ސަރުކާރުގައި ތިބީ މުއްދަތު ހަމަވެފައި ހުރި ބާމުދާތަކެއް ކަހަލަ މީހުން ކަމަށާއި، ފްރީޑަމް އޮފް ސްޕީޗާއި، ފަންޑަމެންޓަލް ރައިޓްސް އެނގިވަޑައި ނުގަންނަވާ ބޭފުޅުންނަށް ތެޅޭނީ ހުސްއަނގަ ކަމަށްވެސް ވިދާޅުވެފައެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ނާޒިމް ވިދާޅުވެފައިވަނީ، ހުރިހާ ކަމަކީ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުން ނޫން ކަމަށާއި މިހާރު ފެނިގެން ދަނީ އެހެން ވެރިއަކަށް އަތްލާން ނުކުރެވިފަ ހުރި ބޮޑެތި ކަންކަމާއި، މަސްތުވާތަކެއްޗާއި، ބިދޭސީންގެ މައްސަލަ ހައްލުވާތަން ކަަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ މީގެ ކުރިން އެއްވެސް ވެރިއަކަށް، އެއްވެސް ސަރުކާރަކަށް އަތްލާން ނުކުރިފަ، ހައްލު ކުރަން ނުކެރިފަ، ހައްލު ނުވެ ހުރި އެތައް މައްސަލަތަކެއް ހައްލު ކުރެވުންދާތަން. ބިދޭސީންގެ މައްސަލަ ކަމަށްވިއަސް، ޑްރަގްގެ މައްސަލަ ކަމަށް ވިއަސް، ޖުޑިޝަރީގަ ހުރި މައްސަލަ ކަމަށް ވިއަސް، އެ ހުރިހާ ކަމަކަށް ކުރިމަތިލައިގެން، ގޯސްކޮށް ކަމެއް އޮތިއްޔާ އެކަމެއް ރަނގަޅު ކުރުމަށް ކުރިމަތިލައިގެން އިހުލާސްތެރި މަސައްކަތެއް ކުރަމުންދާތަން މި ފެންނަނީ." ނާޒިމް ވިދާޅުވިއެވެ.

އޭގެއިތުރުން މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދިނުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށާއި އެ މަސައްކަތުގައި އަދުގެ ސަރުކާރުން ދެމި އޮންނާނެ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު