ދިވެހިރާއްޖޭގެ މާލީ ހާލަތު މިހާރު ހުރި ގޮތުން 500 މިލިއަން ޑޮލަރުގެ ސުކޫކް ބޮންޑު މެނޭޖު ކުރަން ދަތިވެ، ދަރަނި އަލުން ފައިނޭންސް ކުރަންވެސް ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ނަޝީދު ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސުކޫކް ބޮންޑް 8 އޭޕްރީލް 2026 ގައި މުއްދަތު ހަމަވާނެ ކަމަށާއި، ސަރުކާރުން މި ރީފައިނޭންސް ކުރަން މަސައްކަތް ކުރިނަމަވެސް، އިތުރު 500 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ޔަގީން ނުވާނެ (ދޭނެ ބަޔަކު ނުވާނެ) ކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ރިޕޭމަންޓް ކެޕޭސިޓީއާ މެދު އިންވެސްޓަރުންނަށް ކުރިން އޮތް ޔަގީންކަން ނެތި، އިންޓަރެސްޓު ބޮޑުވެ، ދަރަނި ހޯދުންވެސް އަގުބޮޑުވެ، މިހާރު ހުރި ސުކޫކްގެ ބޮންޑުގެ އަގު 70 އިންސައްތަ ދަށަށް ގޮސްފައިވާކަމަށެވެ.

މީގެއިތުރުން ތަޖުރިބާކާރުންގެ ތަހުލީލުތަކާ ހަވާލާދީ ނަޝީދު އިންޒާރު ދެއްވީ މާލީ ގޮތުން ރާއްޖެ ޑިފޯލްޓްވުމުގެ ނުރައްކާ އޮތްކަމަށް ވިދާޅުވެއެވެ. މިކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، އިތުރަށް މާލީ އެހީތެރިކަން ހޯދަންވެސް ދަތިވާނެ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އެޖެންސީތައް ކަމަށްވާ ފިޗް އަދި މޫޑީސް އިންވެސް ރާއްޖޭގެ ދަރަނި އަދާކުރުމުގެ ގާބިލްކަމާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ރާއްޖޭގެ ގްރޭޑް ދަށްކޮށްފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ޑައުންގްރޭޑްކުރުމަކީ އާ ބޮންޑެއް ހޯދަންވިޔަސް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް ކުރިމަތިވާނެ އިތުރު ގޮންޖެހުމެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު