ޣައްޒާގެ ހޮސްޕިޓަލެއް
ޣައްޒާގެ ހޮސްޕިޓަލެއް
ޣައްޒާގެ ހޮސްޕިޓަލްތައް ވަރަށް އަވަހަށް ހުއްޓުމަކަށް އައިސްދާނެ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޑރ. މުނީރު އަލް-ބަރޝް ވިދާޅުވީ ހޮސްޕިޓަލްތަކަށް ތެޔޮ ނުލިބި، އިސްރާއީލީ ހަމަލާތައް ހުއްޓުމެއް ނެތި ދެމުންދާތީ، ގަޑިއިރުތަކެއްގެ ތެރޭގައި ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ހުއްޓުމަކަށް އައިސްދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގިނަ ބަޔަކު ޝަހީދުވެގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ޝިފާ މެޑިކަލް ކޮމްޕްލެކްސް، އަލް-އަހްލީ، އަލް-ޚިދުމާ އަލް-އާންމާ އަދި އަޞްދިޤާ އަލް-މަރީޟް ފަދަ ހޮސްޕިޓަލްތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ.

އަދި ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ ޝިފާ ހޮސްޕިޓަލްގެ ބައެއް ޚިދުމަތްތައް ތެލުގެ ދަތިކަމުން މިހާރު ހުއްޓިފައި ވާކަމަށްވެސް ވަނީ ބުނެފައެވެެ.

ޑރ. އަލް-ބަރޝް ވިދާޅުވީ ބަލިމީހުންނަށް ޚިދުމަތް ދިނުމަށް ނުކުޅެދިފައިވަނީ ތެލުގެ ދަތިކަމާއި، މެޑިކަލް ސަޕްލައިސް އަދި މެޑިކަލް ސްޓާފުންގެ ދަތިކަމުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިސްރާއީލީ އިހުތިލާލުން ބޭނުންވަނީ ޞިއްޙީ ނިޒާމު އެއްކޮށް ނައްތާލުމަށް ކަމަށެވެ. އަދި މިއީ ޣައްޒާގެ ބަލިމީހުންނާއި އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް އެންމެ ފަހު ގޮވާލުންކަމަށް ޑރ.އަލް ބަރޝް ވިދާޅުވިއެވެ.

އިއްޔެ ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ މަދު ދުވަސްތަކެއްގެ ތެރޭގައި މުހިންމު ޑިޕާޓްމަންޓްތަކުގެ މަސައްކަތް ހުއްޓި، ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންގެ ފުރާނައަށް ނުރައްކާވެގެންދާނެ ކަމަށެވެ. އަދި ތެޔޮ ނުލިބުމުގެ ސަބަބުން އިންޖިނިއަރިންގ އަދި ޓެކްނިކަލް ފިޔަވަޅުތަކުން އިތުރު ފައިދާއެއް ނުކުރާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު