ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް-
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް-
މިހާރު ފެނިގެންދަނީ ކުރީ ސަރުކާރުތަކުން ވައްކަން ކުރިއޭ ކިޔައިގެން މި ސަރުކާރުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން އުޅޭ މަންޒަރު ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވެފައި މިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ފެނަކައިން ކޮރަޕްޝަންގެ ގިނަ މުއާމަލާތުތަކެއް ކޮށްފައިވާކަން އޮޑިޓު ރިޕޯޓުން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.

ފެނަކައިގެ އޮޑިޓު ރިޕޯޓުގައި ބުނީ 2023 ވަނަ އަހަރު ނިމުނުއިރު ފެނަކައިގެ ދަރަނި 379 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، މިއީ ކުންފުންޏަށް ލިބުނު އާމްދަނީ އާއި ޓެރިފްލޮސްގެ ގޮތުގައި ދައުލަތުން ދިން ފައިސާ އިން ފޫނުބެއްދިގެން ވީ ގޮތެއް ނޫން ކަމަށެވެ. އަދި މިއީ މުދަލާއި ހިދުމަތް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ގިނަ މުއާމަލާތްތަކެއްގެ ނަތީޖާއެއްކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި އައްބާސް ވިދާޅުވީ އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ފެނަކައިގެ ވައްކަމަށްވުރެ މި ސަރުކާރުން ރައްޔިތުންގެ ފައިސާއިން ކުރަމުންދާ ވައްކަން މާ ބޮޑު ކަމަށެވެ.

"ތެދު ތެދަށް ދަންނަވާ ނަމަ މިސަރުކާރުން މުޅި ދައުލަތް ލޫޓުވާލަމުންދަނީ.. ކުރަމުންދާ ވައްކަންތައް މަތިޖަހާ ކަންކަން އޮޅުވާލުމަށް ވެރިކަން ލިބުނީއްސުރެ އަތްމަތީފޮތް ނަގައިގެން ކިޔަމުން ތިދަނީ ކުރީގެ ސަރުކާރު ކުރީގެ ސަރުކާރު،" އައްބާސް ވިދާޅުވިއެވެ.

ޑޮލަރު އަގު ބޮޑުވެ ތަކެތީގެ އަގު އަތް ނުފޯރާ ހިސާބަށް ގޮސް ރައްޔިތުން އަނގައާ އަތާ ދިމާ ނުވާ ހާލަތަށް ވައްޓާލާފައި މިވަނީ ކުރީގެ ސަރުކާރުންތޯ ވިދާޅުވެ އައްބާސް ވަނީ މި ސަރުކާރާ ސުވާލު ކުރައްވާފައެވެ.

އެކްސްގައި ހިއްސާކުރެއްވި އިތުރު ޕޯސްޓެއްގައި އައްބާސް ވިދާޅުވީ އެމް.އެމް.ޕީ.އާރް.ސީން ވައްކަން ކުރި ބޮޑެތި ވަގުންތައް ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ކަމަށެވެ. އަދި ހަމަ އެފަދައިން ފެނަކައިން ވައްކަން ކުރި ވަގުންތަކާއި، ވެންޓިލޭޓަރުން ވައްކަންކުރި ވަގުންތައްވެސް ތިބީ ހަމަ މި ސަރުކާގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެެވެ.

އަދި މިހާރު ފެނިގެން މިދަނީ ކުރީ ސަރުކާރަކުތަކުން ވައްކަން ކުރީއޭ ކިޔާ ރައްޔިތުންނަށް ހަޤީގަތް އޮޅުވާލާ މަންޒަރާއި، ރައީސް ޔާމީން ޖަލަށް ނުލެވިގެން ލޮލަށް ނިދި ނައިސްގެން އުޅޭ މަންޒަރު ކަމަށް އައްބާސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު