ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން ހާމަވި ވައްކަމުގައި ޝާމިލުވާ އެންމެންނާ މެދު އިންސާފުވެރި ތަހުގީގެއް ހިންގުމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ގޮވާލައްވައިފިއެވެ.

މިނިސްޓަރު އާދަމް ޝަރީފް މިކަމަށް ގޮވާލެއްވީ 2021 ވަނަ އަހަރުން 2023ގެ ނިޔަލަށް އެމްޑީޕީގެ ވެރިކަމުގައި ފެނަކަ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތް ހިންގިކަން އޮޑިޓު ރިޕޯޓުން ހާމަވުމާއި ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ހިންގި ފެނަކައާއި ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް އޭރު ގެނެސްދެއްވާފައިވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ، އޭރު މަޖިލީހުންނާއި މިނިވަން މުއައްސަސާތަކުން ވެސް އެ މައްސަލައާ މެދު އަޅައެއް ނުލި ކަމަށެވެ.

އާދަމް ވިދާޅުވީ ސައީދަށް އެކަނި ''މިވަރުގެ ބޮޑެތި ވައްކަންތަކެއް'' ނުހިންގޭނެ ކަމަށާއި ވަރަށް ގިނަ މީހުންނަށް 'ބައި އެޅި'ކަން މިހާރު ފަޅާއަރަމުން އަންނަކަމަށެވެ. ދައުލަތުގެ ޒިންމާއަކަށް ވާން ޖެހޭނީ ހަމައެކަނި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި، މިކަމުގައި ޝާމިލުވާ އެންމެންނާ މެދު އިންސާފުވެރި ތަހުގީގެއް ހިންގުން ކަމަށް އާދަމް ވިދާޅުވިއެވެ.

އަދި، އެކަމުގައި ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާ ދުވަހު އަޅާނުލައި ތިބި މައްސަލަތަކަށް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށާއި މި ގައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެން ކަމަށް އާދަމް ޝަރީފްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު