ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓަކީ، މި ސަރުކާރުން ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް، ސިޔާސީ ބޭނުމެއްގައި ނެރުނު ރިޕޯޓެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައި ވަނީ ފެނަކަ އޮޑިޓް ރިޕޯޓާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އެމްޑީޕީން ވަނީ އޮޑިޓް އޮފީހަށް ނުފޫޒު ފޯރުވައި، އޮޑިޓަރ ޖެނެރަލް އިބްރާހިމް ނިޔާޒީއަށް ބިރު ދައްކައިގެން ސިޔާސީ އޮޑިޓް ރިޕޯޓެއް ނެރުން ކުށްވެރިކޮށްފައެވެ. އެމްޑީޕީން ބުނީ ރޭގަނޑު ދަންވަރުގެ ވަގުތެއްގައި މިނިވަން މުއައްސަސާއެއްގެ އޮފީސް "ހުޅުވައިގެން ސިޔާސީ ބަޔަކު ލިޔެފައިވާ" އޮޑިޓް ރިޕޯޓެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޝާއިއުކުރުން އެޕާޓީން ކުށްވެރިކުރާ ކަމަށެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ސައްހަ މައުލޫމާތުތަކެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް އެޕާޓީން މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް، ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ، އެކަމެއް ބަލައި އިންސާފުވެރި ޝަރީއަތަކުން ގޮތް ކަނޑައެޅުމަށް އެ ޕާޓީން މަރުހަބާ ކިޔާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ސަރުކާރުގެ ޕްރޮޕަގަންޑާ މެޝިނުން ފަތުރަމުން އަންނަ ތޯތޯ ވާހަކަތަކަށް އެ ޕާޓީން ޖަވާބުދާރީވާނީ އިންސާފުވެރި ޝަރީއަތެއްގައި ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ނަންގަވާފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކުގެ މައްޗަށް ފުރިހަމަ ބާރު ރައީސް މުއިއްޒު ހިންގަވަމުން ގެންދަވާއިރު، އޮޑިޓަރ ޖެނެރަލް އިބްރާހިމް ނިޔާޒީއަށް މަގާމުން ވަކިކުރާނެ ކަމުގެ ބިރު ދައްކައިގެން، ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ރިޕޯޓުތައް ނެރެމުންދިޔުމަކީ ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައިވެއެވެ. އަދި މިފަދަ ރިޕޯޓެއް ނެރުނުއިރު އެކަމުގައި ޝާމިލުވާ މީހުންނާއި ކުންފުނިތަކާ އެއްވެސް ސުވާލެއް ނުކޮށް މި ރިޕޯޓު އާންމުކުރުމަކީ، މިއީ ސިޔާސީ ބޭނުމެއްގައި ނެރެފައިވާ ރިޕޯޓެއްކަން ސާބިތުވާ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.

މިއީ ވެސް ރައީސް މުއިއްޒުގެ ސަރުކާރުގެ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު އިލްޒާމް އަޅުވައި އަގު ވައްޓާލުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް އެމްޑީޕީން ބުނެފައިވެއެެވެ. ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓަކީ މި ސަރުކާރުން އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް ސިޔާސީ ބޭނުމެއްގައި ނެރުނު ރިޕޯޓެއް ކަމަށް އެމްޑީޕީން ބުންޏެވެ. އަދި އެ ރިޕޯޓަކީ އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގައި ބާއްވާ އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނި ސަރުކާރަށް ގޮތްހުސްވެގެން ނެރުނު ރިޕޯޓެއް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

ރައްޔިތުންގެ ތާއީދު ސަރުކާރަށް ނުލިބި އޮތުމާއެކު، ޕްރޮޕަގަންޑާ ފެތުރުމަށް އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވެސް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. ސަރުކާރުން ފުލުފުލުގައި ސިޔާސީ ރިޕޯޓުތައް ނެރެ ސިޔާސީ ހުކުމްތައް ކުރަމުންދިޔަ ނަމަވެސް، އަންނަ ހުކުރު ދުވަހު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދިވެހިރައްޔިތުން މަގުތަކަށް ނުކުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް އެބައޮތް ކަމަށް އެމްޑީޕީގެ ނޫސްބަޔާނުގައިވެއެވެ.

އެމްޑީޕީން މިފަދަ ބަޔާނެއް ނެރެފައިވާއިރު ފެނަކައާ ގުޅޭ ޚާއްސަ އޮޑިޓް ރިޕޯޓުގައި ވައްކަމާއި ޚިޔާނާތުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިކޮށްފައެވެ. އެގޮތުން ރައީސް ސާލިޙްގެ ސަރުކާރުގެ ތިން އަހަރު ތެރޭ ބީލަމަށް ނުލައި 1.4 ބިލިއަން ރުފިޔާ ޚަރަދުކުރުމާއި 2 މިލިއަން ރުފިޔާއަށް ލިބެން އޮތް ބޭނުންކޮށްފައިވާ ޖަނަރޭޓަރުތަކެއް އާ ޖަނަރޭޓަރުގެ ގޮތުގައި 17 މިލިއަނަށް ގަތުމާއި ބައެއް ކުންފުނިތަކަށް މަސައްކަތް ހަވާލުނުކުރަނީސް ފެނަކައިގެ ނަމުގައި މުދާ ގެނެސްފައި ހުރުމާއި އުޅަނދެއް ނެތް ބަޔަކަށް މުދާ އުފުލަން 105 މިލިއަން ރުފިޔާ ޚަރަދުކުރުމާއި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ އާއިލީ ކުންފުނިތަކަކަށް މަސައްކަތް ހަވާލުކޮށްފައިވުމުގެ އިތުރުން ސިޔާސީ ގޮތުން އެމްޑީޕީއާ ގުޅުން އޮތް ކުންފުނިތަކަށް ބިޑްކުރުމަކާ ނުލައި ގިނަ މަޝްރޫއުތަކެއް ދިނުން ހިމެނެއެވެ.

ރައީސް ސާލިޙްގެ ސަރުކާރުގައި ފެނަކައިގެ އެމްޑީ އަޙްމަދު ސަޢީދުގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާއެއް ސާބިތުވެ އޭނާ 4 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ޙުކުމްކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު