ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު އިއްވި ޙުކުމާ ގުޅިގެން، އެ މައްސަލަ އިސްތިއުނާފްކުރުމަށް ނިންމާފައިވާކަމަށް ކަމަށް އޭނާގެ ގާނޫނީ ވަކީލު ނޫރުއްސަލާމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ފެނަކައިގެ ކުރީގެ އެމްޑީގެ ގާނޫނީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ސަޢީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ނިންމާފައިވާ ކަމަށާއި އަދި މި މައްސަލަ ނިމިފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަކަށް ޤަބޫލުނުކުރެވޭ ކަމަށެވެ. ނޫރުއްސަލާމް ވިދާޅުވީ ބްލޭޒަން ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން ސެޓްލްމަންޓް އެގްރީމަންޓަކަށް ދިއުމަށް ނިންމެވީ ފެނަކައިގެ އޭރުގެ ޤާނޫނީ ވަކީލުންގެ ލަފާގެ މަތިން ކަމަށެވެ. އެ ވަކީލުން ލަފާދެއްވާފައިވަނީ ސެޓްލްމަންޓް އެގްރީމަންޓަކަށް ނުގޮސްފިނަމަ، ބްލޭޒަން އިން ކޯޓަށް ގޮސްފިނަމަ ފެނަކައިން ދޭންޖެހިދާނެ އަދަދު މާ ބޮޑުވެދާނެތީ ކަމަށް ވަކީލް ވިދާޅުވިއެވެ.

"ކުރީގެ އެއްބަސްވުމުގެ ދަށުން ފެނަކައިން ދޭންޖެހޭ އަދަދަށްވުރެ ވެސް އަދަދު ކުޑަކޮށްފައި، އަދި އިތުރަށް ބްލޭޒަން އިން މަސައްކަތް ވެސް ކުރަންޖެހޭ ގޮތަށް ސެޓްލްމަންޓް އެގްރީމަންޓަކަށް ގޮއްސަ އޮތީ،" ނޫރުއްސަލާމް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ފުރިހަމައަށް ސަޢީދު ކުރެއްވި ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. މިފަދަ ހާލަތެއްގައި ޢަމަލުކުރަންވީ ގޮތެއް ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާތީ، ޤާނޫނީ ވަކީލުންގެ ލަފާ ހޯއްދެވުމަކީ އޭނާއަށް ކުރެއްވެން އޮތް ކަމެއް ކަމަށާއި، އެކަން ކުރެއްވުމަށްފަހު ސެޓްލްމަންޓް އެގްރީމަންޓަކަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި މައްސަލައަކީ ޙަޤީޤަތުގައި ސަޢީދުގެ ޖިނާއީ ނިޔަތެއް އޮތްކަން ހާމަވާ ކަހަލަ ހެކިތަކެއް ހުށަހެޅިފައި ހުރި މައްސަލައެއް ނޫން،" ވަކީލު ވިދާޅުވިއެވެ.

ނޫރުއްސަލާމް ވަނީ މިމައްސަލައިގައި ދައުލަތުން އެދުނު ޖަލު އަދަބަށްވުރެ ބޮޑު އަދަބެއް ގާޒީ ކަނޑައަޅުއްވާފައިވާތީ އެކަން ވެސް ފާހަގަކުރަށްވާފައެެވެ. މި މައްސަލައިގައި އިތުރު ތަފްސީލުތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ވަކީލު ވަނީ ވިދާޅުވެފައެވެ.

ފެނަކައިގެ ކުރީގެ އެމްޑީ ސަޢީދު ހަތަރު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ބްލޭޒަން އިންކް ކިޔާ ކުންފުންޏަކުން އެއްވެސް މަސައްކަތެއް ނުކުރަނީސް ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ފައިސާ ދޫކުރި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވުމާއި ގުޅިގެންނެވެ.

ދައުލަތުން އެދައުވާ ސަޢީދުގެ މައްޗަށް އުފުލީ ފެނަކައިގެ މޫނުމަތި ރީތިކުރަން، ޕަބްލިކް ރިލޭޝަންސް މަސައްކަތް ކުރަން ބްލޭޒަންއަށް 1.3 މިލިއަން ރުފިޔާ ދޭ ގޮތަށް ސޮއިކުރި އެއްބަސްވުމާއި އެއްގޮތަށް ފެނަކަ އިން އަމަލުކޮށްފައި ނުވާތީ ކަމަށް ބުނެ އޭނާގެ އެމްޑީ ކަމުގައި ބްލޭޒަންއާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް، ބަދަލުގެ ގޮތުގައި 848،000ރ. އެ ކުންފުންޏަށް ދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ.



ކިޔުންތެރިންގެ ހިޔާލު