މަހުގެ އަގު ބޮޑު ކުރެވޭނީ މަސްކިރާތާ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑި ކުރެވޭނެކަން ޔަގީންވުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކެޔޮޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލު ކުރެއްވުމުގައި ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ރައީސް މުޢިއްޒާއި ހިއްސާކޮށްފައެވެ. އެގޮތުން މަސްކިލޯއެއް ގަންނަ އަގު ވިހި ރުފިޔާއަށް ބޮޑުކުރާނެ ތާރީހަކާއި ގުޅޭގޮތުން މަސްވެރިން ވަނީ ރައީސްގެ އަރިހުން މައުލޫމާތު ސާފުކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރުން ހަމަ ޔަގީނުންވެސް މަހުގެ އަގު ބޮޑު ކުރާނެ ކަމަށެވެ. ނަމަވެސް ސަރުކާރަށް އެކަން ކުރެވެން އަންނަނީ މަސްކިރާތާ ސާޅީސް އަށް ގަޑިއިރުތެރޭ ފައިސާދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަގީންވެ، ކަންކަން އެގޮތަށް ހަމަޖެހުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިމަހު 22 ވަނަ ދުވަހު ދިއްގަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ސިނާއަތަށް މި ސަރުކާރުން ވަރަށް އިސްކަމެއްދީގެން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން މަސްކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާދޭން ފަށާފައިވާ ކަމަށެވެ. އަދި 20ރ. އަށް ވުރެ ދަށް ނޫން އަގެއްގައި މަހުގެ އަގު ބެހެއްޓުމުގެ ވައުދު ފުއްދަވަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން އެމަނިކުފާނު ވަނީ އިއުލާންކުރައްވާފައެވެ.

މިއަދު މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ބޭންކުން ދޫކުރާ ލޯނަށް އެދޭގޮތް ފަސޭހަކޮށްދެއްވުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުން މަދުކުރެވޭނެގޮތަކަށް އެކަން ކުރެވޭނެތޯ ބޭންކަށް އަންގަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވ. އަތޮޅުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނީ މަސްވެރިންނާއި މަޝްވަރާކުރައްވައިގެން، މަސްވެރިންގެ ހިޔާލާއި އެކުގައި ކަމަށް ރައީސް ވަނީ ހާމަކުރަށްވާފައެވެ.

މީގެ އިތުރުން އެސްޓީއޯއިން ތެޔޮވިއްކާ އަގުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮވިއްކުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްޞީލް މިބައްދަލުކުރެއްވުމުގައި ކެއުޅުންނާ ރައީސް ހިއްސާކުރެއްވިއެވެ. އެގޮތުން އެ މަސައްކަތް އަންނަ އަހަރުގެ މާރިޗް މަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފްކޯއިން ތެޔޮވިއްކަން ފަށަން ކުރަމުންދާ މަސައްކަތުގެ ތަފުސީލުވެސް މިބައްދަލުކުރެއްވުމުގައި ކެއުޅުންނާ ރައީސް ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް، ވީހާވެސް އަވަހަށް ކަންކަން ކުރައްވައި، މަސްވެރިންނާ އަދި ކެއުޅުންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމުގެ ޔަޤީންކަން ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު