ޒިންމާދާރު މަގާމުތަކުގައި ތިބިއިރު ކޮރަަޕްޝަން ހުއްޓުވަން ކުރެވުނީ ކޮންކަމެއްތޯއޭ ވިދާޅުވެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިދިކޮޅު ފަރާތްތަކާ ސުވާލުކުރަށްވައިފިއެވެ.

ކޮރަޕްޝަނާ ދެކޮޅަށާއި ލޫޓުވައިފި ނަމުގައި އިދިކޮޅު އެމްޑީޕީން އިސްވެ، މާލޭގައި މުޒާހަރާ އެއް ބާއްވަން ވަނީ ނިންމާފައެވެ.

އެކަމަށް އިޝާރަތް ކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭއިރު އެކަމާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން ޒިންމާދާރު މަގާމުތަކުގައި ތިބޭއިރު ކޮރަޕްޝަން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ އެކު ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒުކުރުމަކީ ކޮރަޕްޝަން ހުއްޓުވުމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކޮރަޕްޝަން ހުއްޓުވުމަށް ކަމަށެވެ. އަދި ފާއިތުވި 15 އަހަރު ސަރުކާރު ހިންގުމަށް ލިބި އެކަން ނުކޮށް ތިބި ފަރާތްތަކުން މަގުތަކަށް މީހުން ނެރެގެން ކުރަން އުޅެނީ ކޮން ކަމެއްތޯ ރައްޔިތުން ވެސް ވިސްނާލަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.މަގާމުތަކުގައި އެ ބޭފުޅުން ތިބިއިރު ކޮރަޕްޝަން ހުއްޓުވަން ކުރެވުނީ ކޮން ކަމެއްތޯ އިހުސާން ވަނީ ސުވާލު ކުރަށްވާފައެވެ.

އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފަ އެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު، މައުމޫން، މާނުގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން އެ ކޯޓުން ވަނީ ހުކުމްކޮށްފައެެވެ.

އިދިކޮޅުން ވަނީ "ލޫޓުވައިފި ލޫޓުވައިފި" ނަމުގައި އަންނަ އޮކްޓޯބަރު މަހު ތިން ވަނަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޮޑު މުޒާހަރާ އެއް ބާއްވަން ނިންމާފައެވެ. އެ ހަރަކާތާ ގުޅިގެން އެކްސްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓުގައި ވަނީ އެއީ ވަކި ޕާޓީއެއްގެ ހަރަކާތެއްގެ ގޮތުގައި ނުދެކި އެ ހަރަކާތަކީ ކޮރަޕްޝަނާ ދެކޮޅު ހުރިހާ އެންމެން ވެސް ބައިވެރިވުން މުހިއްމު މުޒާހަރާއެއް ކަމަށް ވިދާޅުވެ، އެކަމުގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު