އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެރޭގެ ބޮޑު މުޒާހަރާއަށްފަހު ރައްޔިތުންގެ ފައިސާ އިން ވައްކަންކުރަން ސަރުކާރަށް ފުރުސަތު ނުދޭނެ ކަަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެއެވެ.

"ލޫޓުވައިފި، ލޫޓުވައިފި" ނަމުގައި ސަރުކާރާއި ދެކޮޅަށް އަންނަ އޮކްޓޯބަރު 3 ވަނަ ދުވަހުގެރޭ ބާއްވަން ރާވާފައިވާ މުޒާހަރާއަށް ވަގުތު ކުޑަތަންވެފައިވާއިރު، އެމްޑީޕީން ދަނީ މާލެއާއި އަތޮޅުތެރެއިން މިމުޒާހަރާއަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިމުޒާހަރާ އަކީ، މި ސަރުކާރުން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ދައުލަތުގެ ޚަޒާނާ ލޫޓުވާލާފައިވާކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ހިތްހަމަނުޖެހުން ފާޅުކުރުމަށް ރޭވިފައިވާ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.

މިމުޒާހަރާއަށް ދިމާކޮށް، ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ރައްޔިތުންގެ ތާއިދު އޮތްކަން ދައްކަން ވެރިކަންކުރާ ޕީއެންސީން ރޭ ވަނީ ގިނަ ބަޔަކާއެކު އެޕާޓީގެ ހަރުގޭގައި ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. އެޖަލްސާގައި ރައީސް މުޢިއްޒު ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

ޕީއެންސީގެ މިޖަލްސާއަށް އިޝާރަތް ކުރައްވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މާޒް ސަލީމް ވިދާޅުވީ، އަންނަ އޮކްޓޯބަރު 3 ވަނަ ދުވަހަށްފަހު ރައްޔިތުންގެ ޓެކްސް ފައިސާއިން ވައްކަން ކުރާކަށް ފުރުސަތެއް ނުދޭނެ ކަމަށެވެ. މާޒް ސަލީމް ވަނީ ދައުލަތުގެ ޚަޒާނާއިން ވައްކަން ކޮށް ތިޖޫރި އެއްކޮށް ލޫޓުވާލީމާ ރައްޔިތުން ނުކުމެ އަޑު އުފުލަން ފެށީމާ، ދައުލަތުގެ ވައްކަން ފޮރުވަން ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ކުއްލިޔަކަށް އޮފީސްހަދާ ހަރުގޭގައި ޖަލްސާ ބާއްވަނީ ކާކަށް ކޮންއެއްޗެއް އޮޅުވާލަންތޯ ސުވާލު ކުރަށްވާފައެވެ.

މާޒް ސަލީމް އިތުރަށް ވިދާޅުވީ، ސަރުކާރުން ނުވަތަ ވެރިކަންކުރާ މައިޕާޓީ ޕީއެންސީން ޚަރަދުކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާ ވަގަށް ނަގައިގެންކަން ރައްޔިތު ކުދިބޮޑު އެންމެނަށް އެނގޭ ކަމަށެވެ. އަދި، އެގޮތަށް ރައްޔިތުންގެ ފައިސާ ވަގަށް ނަގައިގެން ޖަލްސާބޭއްވޭނެ ދުވަސް ނިމުނީ ކަމަށް މާޒް ސަލީމް ވިދާޅުވިއެވެ.

މާޒް ސަލީމް ވިދާޅުވީ 3 އޮކްޓޯބަރުގެ ފަހުން އިތުރަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ވައްކަން ކުރާކަށް ސަރުކާރަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު