ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ވެރިކަމުން ފެށިގެން ފައިސާނުދީ ހުރި ބިލުތަކަށް ފަސް ހަފްތާ ތެރޭގައި ފައިސާ އެއްކޮށް ދައްކާ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާއި މި ސަރުކާރުން ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭ ކަމަށެވެ. އެހެންކަމުން ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ ދައްކާ ނިމޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިގްތިސާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މި ހާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރުން ކުންފުނިތަކަށް ނުދައްކާ ހުރި ފައިސާ ދޭނެކަން ރައީސް މުޢިއްޒު އިއުލާން ކުރައްވާފައި މިވަނީ މާދަމާރޭ އެމްޑީޕީން ލޫޓުވައިފި ނަމުގައި ބާއްވާ ބޮޑު މުޒާހަރާ އަށް ވަގުތު ކުޑަތަންވެފައިވަނިކޮށެވެ. ޤައުމުގެ އިޤްތިޞާދީ ހާލަތަށް އަލިއަޅުވާލައްވަމުން ރާއްޖެޓީވީގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ސޯލިހް ވިދާޅުވެފައިވަނީ ސަރުކާރުން ފައިސާ ނުދޭތީ މިއަދުވެސް ބައެއް ކުންފުނިތައް ބަނގުރޫޓުވަމުންދާ ކަމަށެވެ. އަދި ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ ސަރުކާރުން ކުންފުނިތަކަށް ނުދައްކާ ހުރި ކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުން ގާ އަޅާ ކުންފުންޏާއި އައިނު ހަދާ ކުންފުނި ފަދަ ކުންފުނިތައް އުފައްދައިގެން މަސައްކަތް ކުރަމުންދާ ކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު