ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ބުނެ އިސްކާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ނިސްބަތްވާ އަދާލަތު ޕާޓީން އިދިކޮޅު އެމްޑީޕީން މާދަމާރޭ ބާއްވާ "ލޫޓުވައިފި، ލޫޓުވައިފި" އެއްވުމުގައި ބައިވެރިވާން ނިންމައިފިއެވެ.

އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް އެކަށީގެންވާ މުއްދަތު ދެވިފައިވާ ކަމަށެވެ. ނަމަވެސް މި ދައުރު ދެބައިވާން ދާއިރު ގައުމުގެ ހާލަތު ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މި ހާލަތުގައި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވޭނެ ހަމައެކަނި ގޮތަކީ ގިނަ ސިޔާސީ ޕާޓީތައް ގުޅިގެން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ކުރުން ކަމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް ވެސް އެއްބަސް ވެވޭތީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދެ ޕާޓީގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެއެެވެ.

ގައުމުގެ ހާލަތު ބޮއްސުންލާފައިވާކަން ފާހަގަކޮށް އަދާލަތުން ބުނީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި ސަރުކާރުން ކުރަމުންދާ ވައްކަމާއި ހިންގަމުންދާ ހިޔާނާތުގެ ސަބަބުން އާންމުންގެ ދިރިއުޅުމުގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުންދާ ކަމަށެވެ. އަދި އެކަންކަން ފޮރުވުމަށްޓަކައި މިނިވަން މީޑީއާ ނެތިކޮށްލަން ސަރުކާރުން މަަސައްކަތް ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ.

އަދި ރަނގަޅަށް ހިނގަހިނގާ އޮތް ދިވެހިރާއްޖޭގެ އިގުތިސާދަށް މި ސަރުކާރުން ގެނައި ގޯސް ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިއިން ދުވަހަކު ނުދާ މިންވަރަށް ދަށަށް ގޮސް މާލީ އިދާރާތަކުގެ އިތުބާރު ދިވެހިރާއްޖެއަށް ގެއްލިފައިވާއިރު ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގުބޮޑުވުމާއި ވިޔަފާރިތައް ފުނޑުފުނޑުވުމާއި އެތައް ބައެއްގެ ވަޒީފާތައް ގެއްލިފައިވާ ކަމަށް އެ ބަޔާނުގައި ފާހަަގަކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އެތެރޭގެ އިގުތިސާދު އެކީއެކަށް ފުނޑިގެން ގޮސް، ބޭރުގެ ދަރަނި ނުދެއްކި، ރައްޔިތުންގެ އަސާސީ ކަންކަން ވެސް ހަމަނުޖެއްސޭ ހިސާބަށް ގޮސްފިކަމަށާއި ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިދާ ފަދަ ހާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަަމަށް އަދާލަތުން ބުނެއެވެ.



އަދާލަތު ޕާޓީން ބުނިގޮތުގައި އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭ މައްސަލަ އާއި އާސަންދަ ނުލިބޭ މައްސަލައިގެ އިތުރުން ރަށްރަށުގައި ހިނގަމުންދިޔަ ޕްރޮޖެކްޓުތައް ހުއްޓާލާފައިވާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ގައުމުގެ މުޅި ދުސްތޫރީ ނިޒާމު އެއްކޮށް މި ސަރުކާރުން ފުނޑާލާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެެވެ. އެކަންކަން އިސްލާހު ކުރުމަށްޓަކައި ރައްޔިތުން ގޮސް އިންސާފަށް އެދި ޓަކި ޖަހާނެ ދޮރެއް މިހާރު ނެތް ކަމަށާއި އެހެންކަމުން މާދަމާ އޮންނަ މުޒާހަރާގައި ވީހައިވެސް ގިނަ ބަޔަކު ބައިވެރިވުމަށް އަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ.

މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ވެރިކަންކުރާ ޕީއެންސީ ދޫކުރައްވާއި އަލުން އަދާލަތާ ގުޅުނު ފަހުންވެސް މި ސަރުކާރަށާ ސީދާ ރައީސް ޑރ މުހައްމަދު މުއިއްޒަށް ސީދާގޮތުން އެންމެ ބޮޑަށް ފާޑު ކިޔާ ފަރާތްތަކަކީ އަދާލަތުގެ އެންމެ އިސް ބޭފުޅުންނެވެ. އޭގެތެރޭގައި ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޑރ. އިޔާޒު ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު