ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ މިދިޔަ ދެ އަހަރު ތެރޭގައި ނުދެވުނީ ކީއްވެތޯއޭ ވިދާޅުވެ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ސުވާލު ކުރަށްވައިފިއެެވެ.

އަމްރު އެގޮތަށް ސުވާލު ކުރެއްވީ އެމްޑީޕީ ސަރުކާރުގެ ވެރިކަމުން ފެށިގެން ފައިސާ ނުދައްކާ ހުރި ބިލުތަކަށް ފަސް ހަފްތާގެ ތެރޭގައި ފައިސާ ދައްކާ ނިންމާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ މި ވާހަކަފުޅާ ގުޅިގެން އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވަނީ ރައީސް މުޢިއްޒާ ސުވާލުތަކެއް ކުރައްވާފައެވެ.

އަމްރު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިދިޔަ ރޯދަމަހަށް ހަނދު ބެލުމުގެ ކުރިން ވެސް މި ފައިސާ ދައްކަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައްޔިތުން ބަރާބަރަށް ޓެކްސް ފައިސާ ދައްކަމުންދާއިރު، ދެ އަހަރު ވަންދެން މި ފައިސާ ނުދެއްކެވުނީ ކީއްވެތޯ ސުވާލު ކުރައްވާފައިވެއެވެ.

އަމްރުގެ ޕޯސްޓުގައި ވަނީ މި ފައިސާ ނުދެއްކެވުނީ ސަރުކާރުގެ ނާގާބިލުކަމުން ކަމަށްވާނަމަ، ނުވަތަ އެ ފައިސާ އެހެން ގޮތަކަށް ބޭނުން ކުރެއްވީތޯ ސުވާލު ކުރަށްވާފައެވެ. މި ސުވާލުތަކަކީ ގިނަ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކެއް ކަމަށް ވެސް އަމްރު ފާހަގަކުރައްވާފައިވެއެވެ.

ރައީސް މުޢިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާއި މި ސަރުކާރުން ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް މަސައްކަތް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭ ކަމަށެވެ. އެހެންކަމުން ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ ދައްކާ ނިމޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު