ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މަލީހް-
ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މަލީހް-
ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިވަޑައިގަންނަވަނީ މިންވަރެއްގެ ޒިންމާއެއް ކަމަށާއި، މުޅި ގައުމު ހިބައިން ނުދޭ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގައި އިސްކޮށް އުޅުއްވާ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީން މިއަދު ބާއްވަން ނިންމާފައިވާ ބޮޑު އެއްވުމާ ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނަށް ފާޑުވިދާޅުވަމުންނެވެ. ފުލުހުން ނެރުނު ބަޔާނުގައި ބުނީ މިރޭ ބޭއްވުމަށް ރާވާފައިވާ ހަރަކާތްތަކުގައި މާލޭގެ ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެލިދާނެ ކަންކަން ކަމުގައި ދެކޭކަމަށާއި، މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުލުހުންގެ ޚިދުމަތުން ފުރުސަތު ނުދޭނެ ކަމަށް ވަނީ ބުނެފައެވެ.

މިކަމަށް އިޝާރާތް ކުރައްވައި އެކްސްގައި ހިއްސާކުރި ޕޯސްޓުގައި މަލީހް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ކުރާ މުޒާހަރާއަށް ސަރުކާރުން ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.

އަދި ޤާނޫނު އަސާސީގައި ބުނާ ގޮތުން ފުލުހުން ޖެހޭނީ މުޒާހަރާގެ އަމާމް ބަލަހައްޓައި، މުޒާހަރާ ކުރިއަށްގެންދިއުމަށް އެހީތެރިވެދޭން ކަމަށް މަލީހު ވިދާޅުވިއެވެ.

"ރައީސަށް ލިބިގެންވަނީ ޤާނޫނު އަސާސީން މިންވަރެއްގެ ޒިންމާއެއް، މުޅި ގައުމު ހިބައިން ނުދޭ،" މަލީހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު