ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ހިންގަމުންދާ ނަސްލުނައްތާލުމުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އެކުލަވާލުމަށްޓަކައި ހަމާސް އާއި އިސްރާއީލުގެ އިސް އޮފިޝަލުންނާއި ނެގޯޝިއޭޓަރުން މިސްރަށް އެއްވާން ފަށައިފިއެވެ.

އެހެންނަމަވެސް އަދިވެސް އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލާފައި ނުވާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ. އެގޮތުން ބަލާއިރު އިސްރާއީލުގެ ހަމަލާތަކުގައި މިއަދު ފަތިހުއްސުރެ މިހާތަނަށް، މަދުވެގެން 16 މީހުން މަރުވެފައިވާކަމަށް ޣައްޒާގެ ހޮސްޕިޓަލްތަކާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މިއަދު ދިން އިންޓަވިއުއެއްގައި އިސްރާއީލު ސަރުކާރުގެ ތަރުޖަމާނު ބުނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އަދި މިވަގުތު އެކުލެވިފައި ނެތް ކަމަށާއި، ހަމައެކަނި ބޮމުގެ ހަމަލާތައް ވަގުތީ ގޮތުން މަޑުޖައްސާލީ ކަމަށެވެ. އަދި ދިފާއީ ބޭނުންތަކަށް އިސްރާއީލުގެ ސިފައިންނަށް ޣައްޒާގައި އޮޕަރޭޝަންތައް ކުރިއަށް ގެންދެވިދާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ އިސްރާއީލުގެ މަޝްވަރާކުރާ ފަރާތްތައް މިރޭ މިޞްރަށް ފުރާނެ ކަމަށާއި، ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމާ ގުޅޭ މަޝްވަރާތައް މާދަމާ ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ ރޫބިއޯ ވިދާޅުވީ ހަމާސްއިން ހިފަހައްޓާފައިވާ މީހުން ދޫކޮށްލުމަށް މަގުފަހިކުރުމަށްޓަކައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށެވެ.

"އަހަރެން ދެކޭގޮތުގައި އިސްރާއީލުންނާއި އެންމެންވެސް ޤަބޫލުކުރާނެ، ހަމަލާތައް ދެމުންދާއިރު ހަމަލާތަކުގެ މެދުގައި ހިފަހައްޓާފައިވާ މީހުން ދޫކޮށްނުލެވޭނެކަން. އެހެންވީމާ، ހަމަލާތައް ހުއްޓާލަން ޖެހޭނެ،" ސީބީއެސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ރޫބިއޯ ވިދާޅުވިއެވެ.

ރޫބިއޯ އޮތުރަށް ވިދާޅުވީ ޓްރަމްޕު ހުށަހެޅި ހުށަހެޅުންތަކާއެކު ހަނގުރާމަ މެދުކެނޑުނަސް، އަދި މި ހަނގުރާމަ ނިމުމަކަށް އައިސްދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު