އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ ބެލުމަށް ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި ސަރުކާރުގެ "ވަކި ސްޓޭންޑެއް ނެތް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫ ފޭދު އާއި ހުޅުދޫ އަދި މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ހުޅުދު އާއި މީދު އާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. އަދި ހުޅުދު އާއި މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް ވެސް އެ ވޯޓުގައި ހިމެނުމަށް ވަޒީރުންގެ މަޖިލީހުން ނިންމިއެވެ.

އެ ވޯޓުލުން ބާއްވާނީ މި މަހުގެ 24 ނުވަތަ 25 ގައި ކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެެވެ.

އެކަމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފޭދޫ، ހުޅުދޫ އަދި މީދޫ ގައި ނަގާ ރިފަރެންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށެވެ. އަދި އެވޯޓުގައި ސަރުކާރުން އިހުތިޔާރު ކުރާ ވަކި ނަތީޖާއެއް ނެތްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ރައްޔިތުންގެ މެޖޯރިޓީ އިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒު ކުރާނެ،" ރައީސް ވިދާޅުވި އެވެ.



ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފަައިވަނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ނިންމެވީ އެ ސިޓީގެ ބައެއް މީހުންގެ ފަރާތުން އެ މައްސަލަ އެމަނިކުފާނަށް ހުށައަޅުއްވާފައިވާތީ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު