ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫނީ އިޚުލާސްތެރި ނިޔަތެއް އޮވެގެން މަސައްކަތްކުރެއްވި އެހެން ރައީސެއް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރައީސް މުޢިއްޒަށް މިއަދު ތައުރީފް ކުރަށްވައިފިއެވެ.

ޤާސިމް މިހެން ވިދާޅުވީ އދ. އަތޮޅަށް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއުން އެ އަތޮޅު ފެންފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޝްހޫރު ވިޔަފާވެރިޔާ ޤާސިމް އިބްރާހިމް ވިދާޅުވީ 2008 ވަނަ އަހަރު އައު ގާނޫނުއަސާސީ އެކުލަވައިލި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނޫނީ އިޚުލާސްތެރި ވެރިއަކު މިހާތަނަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު މަސައްކަތްކުރައްވަމުން ގެންދަވަނީ ހިތްވަރާއި އަޒުމާ އެކީގައި ވަރަށް އިޚުލާސްތެރި މަސައްކަތްތަކެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް ގިނަ ކަންތައްތަކެއް ކުރައްވަމުންގެންދަވާ ކަން ފާހަގަކުރައްވައި ރައީސް މުޢިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވާފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ގައުމުގެ ތަރައްގީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާހާ ގިނަ މަސައްކަތްތައް ކުރެއްވި އެހެން ވެރިއަކު މި ގައުމުން ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން، ރައީސް މުއިއްޒު ހަވާލުވުމާ ހަމައަށް ވެރިކަން ކުރެއްވި އެއްވެސް ވެރިއަކު ތަރައްގީގެ މިހާ ގިނަ މަޝްރޫއުތައް ހިންގާފައި ނުވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު މި ކުރަނީ ހުޝާމަދެއް ނޫން. އަޅުގަނޑު ހަމަ ހިތުގެ އުމުގުން ގަބޫލުކުރެވިފައިވާ ކަންތައްތަކެއްގެ ވާހަކަ މި ދަންނަވަނީ،" ޤާސިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު