އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން، ވަކި މުއައްސަސާތަކެއްގެ ގޮތުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ، ސީދާ ގޮތުން މުޢާމަލާތުކުރެވޭނޭ އިންތިޒާމު ހަމަޖައްސަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމިގިއްޔަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މާމިގިލީ ބަނދަރު ސަރަޙައްދުގައި މިރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، މި އިންތިޒާމު ހަމަޖެހުމާއެކު، މަސައްކަތުގެ މާޙައުލުގެ ފަށަލަތަކެއް އުނިވެ، މަސައްކަތުގެ ކުރުންތެރިކަން އިތުރުވެ، އެތައް ގޮތަކުން ކުރިއެރުން ލިބޭނޭކަން ފާހަގަކުރައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ ސީދާ ގޮތުން މުޢާމަލާތު ކުރެވޭނޭ އިންތިޒާމު ހަމަޖެހުމާއެކު، އަތޮޅު ނުވަތަ ރީޖަނަލް ހޮސްޕިޓަލުތައް މެދުވެރިކޮށް ބޭސް ހޯދަންޖެހޭޖެހުން ނިމުމަކަށް ގެނެވޭނޭކަމަށެވެ. އަދި ބޭސް ހޯދުމާއި، ވަޒީފާތައް އެޕްރޫވްކުރުމާއި، އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމުގައިވެސްލުއިފަސޭހަވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރޭގައި، ފަންނީ ވަސީލަތްތައް ހޯދުމާއި، އިންސާނީ ވަސީލަތް ތަމްރީނުކުރުން ހިމެނޭކަން ފާހަގަކުރައްވައި، މި އަހަރުގެ ނިޔަލަށް މި ކަންކަން ހަމަޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު