ސޯޝަލް މީޑިއާގައި ފުލުހުންނަށް އަމާޒުކޮށް އިންޒާރު ދިންކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނާގޮތުން ފޯނު ހިފަހައްޓާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11:08 ހާއިރު ޒާޔާގެ ފޭސްބުކްގައި ފުލުހުންނަށް އިންޒާރު ދިން މައްސަލައާ ގުޅިގެން ހެއްކާއި ގަރީނާ ހޯދުމަށެވެ.

ހުޅުމާލެ އުތުރު ދާއިރާގެ އެމްޑީޕީގެ ރައީސް، ޒަހިއްޔާ ފުލުހުން ޓެގްކޮށް އެ ރޭ ކުރި ޕޯސްޓުގައި ބުނެފައިވަނީ އަންނަ މަހުގެ 17 އަށް ތައްޔާރުވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކުރަން ފަށާފައިވާ ކަމަށެވެ.

"ހަމަ ޖެހީ، ޖެހީ،" ޒަހިއްޔާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެމައްސަލައިގައި ތަހުޤީޤަށް ޒާޔާ މިރޭ އިރާކޮޅު ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ބޮޑު މުޒާހަރާ އަށް ފަހު އެމްޑީޕީން މިހާރު ވަނީ ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް އަންނަ މަހުގެ 17 ވަނަ ދުވަހު އިތުރު މުޒާހަރާ އެއް ބާއްވާނެ ކަން އިއުލާންކޮށްފައެވެ.

ފުލުހުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ އޮފިސަރުންނާއި އެ އޮފިސަރުންގެ އާއިލާއަށް ނަފްރަތު އުފެދޭ ގޮތަށް އަދި ބިރު ހީވާގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފިނަމަ އެ މީހާކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އަނިޔާކުރާ ފުލުހުންގެ ފޮޓޯ އާއި ވަނަވަރު ހާމަކުރާތީ އެފަދަ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުސް އޮފީހުން ރޭ ދިނެވެ.



ކިޔުންތެރިންގެ ހިޔާލު