ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލް
ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލް
ޔޫރަޕުން ގެންނަން ބުނި ބޭސް ނުލިބި ދިވެހިން މިތިބީ ހާސްކަމުގައި ކަމަށް ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙް މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ބޭސް އެތެރެކޮށް، ބޭހުގެ ވިޔަފާރި ކުރުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުގެ ނަމުގައި ހާއްސަ ކުންފުންޏެއް ރައީސް ވަނީ އުފައްދަވާފައެވެ. މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ނަމަވެސް ދިވެހިންނަށް ބޭސް ލިބުމުގައި ކުރިއަށްވުރެ ތަކްލީފް ބޮޑުވަމުންދާކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން މަލީޙް ވިދާޅުވީ، ޔޫރަޕުން ބޭސް ގެނައުމުގެ ނަމުގައި އެޅި ފިޔަވަޅުތަކާއެކު ދިވެހިންނަށް ހާސް ކަމެއްނެތި މީގެކުރިން ލިބެމުން އައި ބޭސް މިހާރު ނުލިބޭ ކަމަށެވެ.

"މި ދޯހަޅި ސިޔާސަތުގެ ސަބަބުން. ބޭސް ނުލިބި ފުރާނަ ނުރައްކަލުގަ އެތައް ބަޔަކު." މަލީޙް ވިދާޅުވިއެވެ.



މަލީޙް މިހެން ވިދާޅުވެފައިވާއިރު، 2024 ވަނަ އަހަރުގެ ޖެނުއަރީމަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އާސަންދަ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އެކުވެރި އަރަބި އިމާރާތާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އޭގެއިތުރުން ދުނިޔޭގެ ބޭސް އުފައްދާ ބޮޑެތި ކުންފުނިތަކުގެ ބޭސް ބޭނުން ކުރުމުން ތަފާތު ފެންނަ ކަމަށާއި، ރައްޔިތުންނަށް އެފެންވަރުގެ ބޭސް ފޯރުކޮށް ދިނުމަށްޓަކައި ޔޫއެންޑީޕީއާ ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާކަމަށް އޭރުގެ ހެލްތު މިނިސްޓަރ ޑރ. އަބްދުالله ޚަލީލްވެސް ވިދާޅުވެފައިވެއެވެ. އަދި ޔޫއެންޑީޕީ މެދުވެރިކޮށް ގަނޑުކޮށް ބޭސް ގެނައުމުން ޚަރަދުކުޑަކޮށް ކޮލިޓީ ބޭސް ލިބޭނެ ކަމަށް އޭރު ޑރ. ޚަލީލް ވިދާޅުވިއެވެ.

ނަމަވެސް ބޮޑެތި ބަލިތަކަށް ބޭނުންވާ ބައެއް ބޭސްތައް ރާއްޖޭން މިހާރު ނުލިބޭ ކަމުގެ ޝަކުވާ ގިނަ ޢަދަދެއްގެ ޢާއްމުން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު