އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް-
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް-
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލު ކުރައްވާފައި ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ކުރީގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނަށް ހާޒިރުވުމަށް އޭނާއަށް އެންގުމާ ގުޅިގެންނެވެ. އޭސީސީން ފޮނުވި އަމުރުގައި އޮތީ، އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށް ފައްޔާޒު އެ އިދާރާއަށް ހާޒިރުވުމަށެވެ.

އަމުރުގައި ވާގޮތުން ފައްޔާޒުގެ މައްޗަށް ތުހުމަތުކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެވަޑައިގެންފައިވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށް ކަމަށެވެ.

މި އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާކަމަށް ވެސް އޭސީސީން ވަނީ ތުހުމަތުކޮށްފައެވެ.

ސްވިފްޓް އިންޖިނިއަރިން އަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.

މިއަމުރު ލިބުމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކުރައްވާފައި ނޯންނާނެ ކަމަށެވެ. އަދި އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ އަދި ކުރެވޭނެ ކަމަށް މިއަދު ގަބޫލު ނުކުރައްވާ ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ ފާއިތުވި ދެ އަހަރަކީ މުއިއްޒު ސަރުކާރުން ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލި ދެ އަހަރު ކަމަށާއި، ވަޒީފާގެ ޔަގީންކަން ހޯދުމަށް ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން މުއިއްޒު އަންގަވާހާ ގޮތަކަށް ކަންކަން ކުރަމުން އަންނަކަން ދިވެހިންނަށް ވަރަށް ސާފު ކަމަށެވެ. އަދި ސިޔާސީ ނުފޫޒުގައި ޖެހި ވަކި އަތަކަށް ޖެހިގެން ތަހުގީގު ހިންގާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

"މުއިއްޒު ކަހަލަ ޚުދުމުހުތާރު، އަނިޔާވެރި މީހަކު ވެރިކަމާ ހަވާލުވުމުން މިހާރުމާބޮޑަށްވެސް ސާފުވެގެން ދަނީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން. މިނިވަން މުއައްސަސާތައް ހަގީގަތުގައިވެސް މިނިވަންކުރަން ޖެހިފައިވުމުގެ މުހިންމުކަން." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ މުޅި ދައުލަތް ބޭނުންކޮށްގެން ބިރު ދައްކައި ފަހަތަށް ޖައްސަން އުޅުނަސް އަދި އެންމެން ޖަލަށް ލިއަސް ޑިމޮކްރެޓިކް ރާއްޖެއެއް ބިނާކޮށް ރައްޔިތުންނަށް އަސާސީ ހައްގުތައް އަނެއްކާ ވެސް ކަށަވަރުކޮށްދޭން ކުރަންޖެހޭ މަސައްކަތްކުރުމުގައި ރައްޔިތުން ފަހަތަކަށް ނުޖެއްސޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް