މިނިވަން އިންސާފުވެރި އިންތިޚާބަކުން ރައްޔިތުންގެ އަޣުލަބިއްޔަތު ތާއީދު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ނުލިބޭނެކަން އެމަނިކުފާނު ޤަބޫލުފުޅުކުރައްވައިފިކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން އެގޮތަށް ބުނީ ސަރުކާރުން ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް ގޮވާލާ ރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާމެދު ރައްޔިތުން މާޔޫސްވެފައިވާއިރު، ސަރުކާރުން ތަންފީޒުކުރަމުންދާ ދެކޮޅުނުޖެހޭ ދޯހަޅި ސިޔާސަތުތަކުގެ ނޭދެވޭ އަސަރުކުރުމުގެ ސަބަބުން އާންމު ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް ގޮސްފައެވެ. މިކަމުގެ ސަބަބުން ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރުމާއި، އެކިގޮތްގޮތުން ޝުޢޫރު ފާޅުކުރުން އިތުރުވަމުންދާ މިދަނޑިވަޅުގައި، ޤާނޫނު އަސާސީގެ ރޫޙާ ޚިލާފު އަނިޔާވެރި ހަރުކަށި ފިޔަވަޅުއަޅަން ސަރުކާރުން ފަށާފައިވުމަކީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ތަހުޤީޤު އިދާރާތަކާއި ޝަރުޢީ ކޯޓުތަކުގެ ނާޖާއިޒު ބޭނުން ހިފައިގެން އާންމު ރައްޔިތުންގެ އަސާސީ މިނިވަންކަމާއި ޒާތީ ދިރިއުޅުމުގެ ތެރެއަށް ސަރުކާރުން ވަނުމާއި، ވަޒީފާގެ ބިރުދައްކައިގެން ވާދަވެރި ސިޔާސީ ހަރަކާތްތައް މައިތިރިކުރަން އުޅޭކަމީ، ސަރުކާރަށް ގޮތް ހުސްވަމުންދާ ކަން ދަލީލުކޮށްދޭ ކަމެއް ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައިވެއެވެ.

އަދި ހަމައެހެންމެ، ސަރުކާރާ ވާދަވެރި ސިޔާސީ ލީޑަރުންނަށް ބިރުދައްކަން ފަށާފައިވުމުން ދޭހަކޮށްދޭ ކަމަކީ، މިނިވަން އިންސާފުވެރި އިންތިޚާބަކުން ޑރ. މުޢިއްޒަށް ރައްޔިތުންގެ އަޣުލަބިއްޔަތު ތާއީދު ނުލިބޭނެކަން އެމަނިކުފާނު ޤަބޫލުކުރައްވައިފިކަމުގެ ހެއްކެއް ކަމަށް އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުންޏެވެ. އަދި ރައްޔިތުން ޙަވާލުކުރި އަމާނާތާމެދު ގަދަކީރިތިވަންތަ މާތް ﷲގެ ކިބަފުޅަށް ބިރުވެތިވުމާއެކު ޢަދުލު އިންސާފުގެ ތަރާދުން އެއްކިބާނުވުމަށް ޑރ. މުޢިއްޒަށާއި، ދައުލަތުގެ މަޤާމުތަކުގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ޒިންމާއާ ހަވާލުވެތިބި އެންމެހާ ފަރާތްތަކަށް އަދާލަތު ޕާޓީން ވަނީ ހަނދާންކޮށްދީފައެވެ.

އަދި، އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ އަނިޔާވެރިކަން އިސްކޮށް ރައްޔިތުންގެ މައްޗަށް ބޭއިންސާފުވުމަކީ އެކަލާނގެ ގަދަފަދަ ޢުޤޫބާތް ކަނޑައަޅުއްވާފައިވާ ކަމެއްކަންވެސް އެ ބަޔާނުގައި ހަނދާންކޮށްދީފައިވެއެވެ.

އެހެންކަމުން، ދިވެހި ރައްޔިތުންގެ މާލިއްޔަތަށް ޚިޔާނާތްތެރިވުމާއި، ދިވެހި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ދައުލަތުގެ މަޤާމުތަކުގައި ވަޒީފާގައި ތިބި ފަރާތްތަކަށް ތަކުރާރުކޮށް އަދާލަތުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު