އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ ތަހުގީގަކަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ކޮމިޝަނަށް ހާޒިރުވާން އަންގައިފިއެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:30 އަށް އޭސީސީ އަށް ހާޒިރުވާން އޭނާ އަށް އަންގާފައިވާ ކަމަށެވެ.

އަމީރު ވިދާޅުވީ، 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް މާލީ ވަޒީރުކަމުގައި މަސައްކަތްކޮށްފައި ވާނީ، އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށެވެ. އަދި ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، ވަޒީރުކަމުގައި ކޮންމެ ކަމެއްވެސް ނިންމާފައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް ކަމުގެ ޔަގީންކަން އޭނާގެ ނަފްސާއި މެދު އެބައޮތް ކަމަށް އަމީރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އޭސީސީއަށް ފާޑުވިދާޅުވަމުން އަމީރު ވަނީ އޭސީސީގެ ރައީސް އާއި މެމްބަރުންގެ ވަޒީފާގެ ދިފާއުގައި ބޭއިންސާފުން މީހުން ފްރޭމްކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ، އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީ އަދި ފުލުހަށް ގެންގޮސް، ބިރު ދައްކަން އުޅުނަސް އެއްވެސް ބިރެއް ނުގަންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޯ ގުދުކުރާނީ ހަމައެކަނި އާލަމްތަކުގެ ވެރި މާތްﷲ އަށް. މުއިއްޒު ކަހަލަ ޚުދުމުހްތާރު ވެރިޔަކަށް ބޯނުލަބާނަން. ކުރާނެ ކަމެއް ކުރަން ވީ." އަމީރު ވިދާޅުވިއެވެ.

އަމީރު އޭސީސީއަށް ހާޒިރުވާން އަންގާފައިވާއިރު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު ވެސް އޭސީސީ އަށް ހާޒިރުވާން ވަނީ އަންގާފައެވެ. ފައްޔާޒު އޭސީސީ އަށް ހާޒިރުކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެވަޑައިގެންފައިވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށް ކަމަށް ބުނެއެވެ.

މި އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާކަމަށް ވެސް އޭސީސީން ވަނީ ތުހުމަތުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު