ކުރީގެ ވަޒީރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަމުންދަނީ އަންނަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ ބޮޑު މުޒާހަރާ އަށް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

އެމްޑީޕީ އިން އެގޮތަށް ބުނީ ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން މިހާރުގެ ސަރުކާރުން ހިންގާ ސިޔާސީ ޢަމަލުތައް ހުއްޓައިލުމަށް ގޮވައިލާ، މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެންބަރު މަހު ދިވެހިރާއްޖޭގެ ވެރިކަން ހިންގުމާ އެޕާޓީން ހަވާލުވީ، އޭގެ ކުރީގެ ސަރުކާރުތަކުން ސިޔާސީ މަގުސަދެއްގައި ވަކި ބަޔަކަށް އަމާޒުކޮށްގެން، ނުހައްގުން ވަޒީފާއިން ވަކިކުރުމާއި އެތައް އެއްބަސްވުންތަކެއް ބާތިލުކޮށްފައި ވުމާއި އަދި ގިނަ ވިޔަފާރިތަކެއް ހުއްޓުވައިފައި ވުމުގެ ސަބަބުން އެތައް ބަޔަކަށް ނުހަނު ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާތީ، އެ މައްސަލަތަކަށް ހައްލު ހޯދައިދީ ދައުލަތުން ޢަމަލުކުރި ގޮތުގެ ސަބަބުން ލިބުނު ގެއްލުމަށް ޢަދުލުވެރި ބަދަލެއް އެ ފަރާތްތަކަށް ދީ، އިންސާފު ގާއިމުކުރުމަށް ވައުދުވެގެން ކަމަށެވެ. އެމްޑީޕީގެ ނިމިދިޔަ ސަރުކާރުން ގެއްލުމުގެ ބަދަލު ދިނުމުގައި ޢަމަލުކޮށްފައިވަނީ ވަކި މީހަކަށް ނުވަތަ ވަކި ކުންފުންޏަކަށް ބެލުމުގެ ބަދަލުގައި، ކޮންމެ މައްސަލައެއް ވެސް ވަކިވަކިން ބަލައި ދިރާސާކޮށް، ހާލަތާ ގުޅޭގޮތުން އަދި ދައުލަތުން އުފުލަންޖެހިދާނެ މާލީ ބުރަ ވީހައިވެސް ކުޑަވާނެ ގޮތަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. މިކަމަށް ތާއީދުކޮށް މި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ސްވިފްޓް އިންޖިނިއަރިންގެ ވެރިޔާ، ސައުދުﷲ ހިލްމީ ވެސް ވަނީ މި މައްސަލައިގައި ސެޓްލްމެންޓް ކޮމިޓީން އަމަލުކުރި ގޮތުން ދައުލަތަށް ވެފައިވަނީ ފައިދާކަމަށް ހާމަކުރައްވައިފައި ކަމަށް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީން ބުނީ މި މައްސަލަތަކުގައި ބަދަލު ދިނުމުގެ ނަމުގައި އޭސީސީއިން ތުހުމަތު ކުރާ އެއްވެސް މީހަކަށް ޒާތީ މަންފާއެއް ލިބިފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެޕާޓީ އަށް އެބައޮތް ކަމަށެވެ.

އެހެންކަމުން، މިހާ ސާފުކޮށް ފެންނަން އޮތް ކަމެއްގައި ރައީސް މުއިއްޒުގެ ސަރުކާރުން އޭސީސީ މެދުވެރިކޮށް ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމަށް ޗިޓު ފޮނުވަމުންދަނީ މި ފެށޭ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. އެމްޑީޕީއިން ވަނީ ދައުލަތުގެ މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސިޔާސީ ބޭނުމަށް ހިންގާ މިފަދަ މުޑުދާރު ޢަމަލުތައް ހުއްޓައިލުމަށް ސަރުކާރަށް ގޮވައިލާފައެވެ.

އެމްޑީޕީން މިފަދަ ބަޔާނެއް ނެރެފައިވާއިރު އޭސީސީން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލް އާއި ކުރީގެ ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޢަލީ އެކޮމިޝަނަށް ހާޒިރުވާން ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު