12 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައަށް 6 މަސް ދުވަސް ވެފައިވާ އިރުވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "ލަފާފުޅާއި އިރުޝާދެއް" ނުލިބިގެން އެއްވެސް ފިޔަވަޅެއް ނޭޅުނު ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ވިދާޅުވެއްޖެއެެވެ.

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި ސިނގިރެޓްތައް ވަނީ ވީނުވީ އެއް ނޭނގި ގެއްލިފައެވެ. ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. މި މުދަލުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަނަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެއެވެ. އެ ސިގިރޭޓްތައް ގެއްލުނު މައްސަލަ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން މިހާރު ވަނީ ތަހުގީގު ފަށާފައެވެ.

މި މައްސަލައިގައި ދައުލަތުގެ އެންމެ މަތީފަންތީގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް ވެސް ޝައިޚް އިމްރާން ވަނީ އޭނާގެ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފައެވެ.

މި މައްސަލަ ފެށިފައިވަނީ، 12 މިލިއަން ސިނގިރޭޓު ދެ ކޮންޓެއިނަރުގައި ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުމުގެ ތެރޭގައި ތަންފީޒީ އިދާރާތަކުން ގުޅިގެން ކުރި މަސައްކަތުން އެތަކެތި ހިފެހެއްޓުމުންނެވެ. ޝައިޚް އިމްރާން ވަނީ ޤާނޫނު ތަންފީޒުކުރަން ހުވާކޮށްގެން ތިބި އޮފިސަރުން މިކަމުގައި ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައިވާ ކަމަށް ބަޔާންކުރައްވައި، އެމީހުންނަށް ތަޢުރީފުކުރައްވާފައެވެ.

ނަމަވެސް، މި ހިސާބުން ސަރުކާރުން ކަންކުރި ގޮތާމެދު ޝައިޚް އިމްރާން ވަނީ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ އާންމު އުސޫލާ ޚިލާފަށް، މިކަން ކުރި ބަޔަކު ސިއްރުކޮށް ވަންހަނާކުރި ކަމަށެވެ. އަދި އޭގެ ފަހުން ރެސްޓްރިކްޓެޑް އޭރިއާގައި ހިފަހައްޓާފައި ހުރި ސީލްޑް ދެ ކޮންޓެއިނަރުގެ އެތެރޭގައި ހުރި 12 މިލިއަން ސިނގިރޭޓު ގެއްލުނު ވާހަކަ އަޑުއިވުނު ކަމަށް ވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ގިނަ ސުވާލުތަކެއް އޭނާ އުފެއްދެވިއެވެ. އޭގެ ތެރޭގައި، ތުހުމަތުކުރެވޭ ފަރާތް ސިއްރު ކުރީ ކީއްވެތޯއާއި، މިހާ ހިސާބުގައި ހުރި އެއްޗެއް ވަގަށް ގެންދެވުނީ ކިހާ ހިސާބަކުން ރާވައިގެން ކިހާ ލެވެލްއަކުން އެހީތެރިވެގެން ކަމާއި، މިވަރަށް ދޯހަޅިވީމާ މި ސަރުކާރަށް ރައްޔިތުންގެ މުދަލާއި މާލިއްޔަތު ރައްކާތެރިކޮށް ބެލެހެއްޓިދާނެ ކަމަށް ގަބޫލުކުރަންވީތޯ އިމްރާން ސުވާލު ކުރެއްވިއެވެ. ޝައިޚް އިމްރާން ވަނީ މިކަން ހިނގާފައި އޮތް ގޮތުން ދައުލަތުގެ އެންމެ މަތީފަންތީގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ ކަމަށް ވިދާޅުވެފައެވެ. ނޫންނަމަ މިއަދާ ހަމަޔަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ "ލަފާފުޅާއި އިރުޝާދުގެ ދަށުން" ކޮންމެވެސް ކަމެއް ކުރެއްވީސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިނގިރޭޓު ރެސްޓްރިކްޓްކުރާ ސިޔާސަތުގެ ބޭނުމާ މެދު ވެސް ޝައިޚް އިމްރާން ސުވާލު އުފެއްދެވިއެވެ. އެއީ އާންމު ސިއްހަތު ރައްކާތެރިކުރުންތޯ ނުވަތަ އަސްލު ބޭނުމަކީ ސިނގިރޭޓުގެ އަގު އިންފްލޭޓްކޮށްގެން މިކަހަލަ ޖަރީމާތަކުގެ ތެރެއިން ދައުލަތުގެ ވެރިންގެ ޖީބަށް ބަރުކުރުންތޯ އޭނާ ސުވާލުކުރެއްވިއެވެ.

ޝައިޚް އިމްރާން ވިދާޅުވިގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރުމަކީ އޭނާ ދެކޮޅު ހަދާ ކަމެކެވެ. އަދި އެކަމުން އާންމު ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ހުއްޓުވޭނީ ވަށާޖެހޭ ސިޔާސަތެއްގެ ތެރެއިން ކަމަށާއި ނަމަވެސް، މި ސަރުކާރުން އެޅި ފިޔަވަޅުތަކުން އަންރެގިއުލޭޓެޑް ޓޮބޭކޯ މާކެޓުގައި ސިނގިރޭޓު ފްލަޑްވެފައިވާ ކަމަށާއި، ރިސްކް ރިޑަކްޝަން މެޝާރ އެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ދެކޮޅުނުޖެހޭ ސިޔާސަތުން އާންމު ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ދުރުނޫން މުސްތަގުބަލެއްގައި ފެނުން ގާތް ކަމަށް ޝައިޚް އިމްރާން ވިދާޅުވިއެވެ. އަދި އެޑިކްޓިވް ސަބްސްޓެންސެއްގެ އަގު އިންތިހާ އަށް އިންފްލޭޓްކޮށްފައިވާ އިރު، އަނެއްކޮޅުން ދައުލަތަށް ލިބޭ އާމްދަނީވެސް ދަށްވެފައިވާ ކަން އިމްރާންގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު