ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
ރައީސުލްޖުމުހޫރިއްޔާގެ–ރިޔާސީ ބަޔާނާއި ދައުލަތުގެ ބަޖެޓާއި ސަރުކާރު މިހާރު ހިނގާ ގޮތް ދިމާނުވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު، ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ރޭ ވާހަކަ ދައްކަވަމުން އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި ހާމަކުރެއްވި ކަންކަމަށް މިއަދާ ހަމައަށް އަމަލީ ސިފައެއް އައިސްފައެއް ނެތް ކަމަށެވެ. އެ މަޝްރޫޢުތަކަށް ވީގޮތެއް ސަރުކާރަކުން ރައްޔިތުންނަކަށް ވެސް އަދި ރައްޔިތުންގެ މަޖިލީހަކަށް ވެސް ހިއްސާކުރެވިފައެއް ނެތް ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.

އެހެންކަމުން މިސަރުކާރު މިހިނގާ ގޮތް ނޭނގޭ ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ. އެގޮތުން ބަޖެޓުގައިވާ ކަންކަމާއި، ރިޔާސީ ބަޔާނުގައިވާ ކަންކަމާ، އަދި ސަރުކާރު ހިންގާ ގޮތަކާ އެއްވެސް ގުޅުމެއް ނެތްކަން ފާހަގަކުރައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އާ މަޝްރޫޢެއްގެ އަޑު އިވެމުންދާ ކަމަށެވެ. މި ސަރުކާރު ފެށުނީ ބިޔަ "މެގަ ޕްރޮޖެކްޓްތަކުން" ކަން ހަނދާންކޮށްދެއްވައި ޑރ. ޝަމްހީދު ވަނީ އެފަދަ ބައެއް މަޝްރޫޢުތަކުގެ ނަންތައް ވެސް ވިދާޅުވެދެއްވައިފައެވެ.

އެގޮތުން ޝަމްޙީދު ވިދާޅުވި ގޮތުގައި، އިހަވަންދިއްޕޮޅުގެ ވާހަކައާއި، އިހަވަންދޫގެ ވާހަކަ، އަދި ދުބާއީ ކުންފުންޏަކާ އެކު ސޮއިކުރި ބޮޑު އިހަވަންދިއްޕޮޅު މަޝްރޫޢުގެ ވާހަކަ ރައްޔިތުން ހަނދާން އެބަހުރި ކަމަށެވެ. ހަމަ އެހެންމެ، ލާމު އަތޮޅުގައި ޗައިނާ ބަޔަކާއެކު ސޮއިކުރެއްވި މަޝްރޫޢުތަކާއި، މާލެއިން ހުޅުމާލެއަށް މޮނޮރެއިލް އެޅުމަށް ބަޔަކާ އެކު ސޮއިކުރެއްވި ވާހަކަ ސަރުކާރުން ދެއްކިކަން ޝަމްހީދު ފާހަގަކުރެއްވިއެވެ. މި ސަރުކާރު ފެށިގެން އައީ ތަރައްޤީގެ ބިޔަ މެގަ ޕްރޮޖެކްޓްތަކުގެ ވާހަކަތަކުން ކަމަށާއި، ކޮންމެ ކަމަކާ ގުޅިގެން ކުންފުންޏެއް ވެސް އުފައްދާފައިވާ ކަމަށް ވިދާޅުވެ ޑިވެލޮޕްމަންޓް ބޭންކަކީ ވެސް މިފަދަ ކުންފުންޏެއް ކަމަށް ޑރ. ޝަމްޙީދު ވިދާޅުވިއެވެ.

ޑރ. ޝަމްހީދު އިތުރަށް ވިދާޅުވީ، ފުރަތަމަ އަހަރު ނުވަތަ ފުރަތަމަ ހަ މަސްދުވަހު ސަރުކާރުން ޕްރޮމޯޓްކުރި، މުޅި ރާއްޖޭގެ އިޤްތިޞާދު އެއްކޮށް ބަދަލުވެގެންދާނެ ސިނާއަތްތަކުގެ ވާހަކައެއް މިއަދަކު ނީވޭ ކަމަށެވެ. އެންމެ ދެރަކަމަކީ، މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން ތިބޭއިރު، މިއަދު ސަރުކާރު ޖަވާބުދާރީ ކުރުވަން ފަށާނީ ކޮންތާކުން ކަމެއް ވެސް ނޭނގޭތީ ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.

"ހަޤީޤަތުގައި އެންމެ ދެރަކަމަކީ އަޅުގަނޑުމެން މަޖިލީހުގައި މިތިބެނީ ސަރުކާރު ޖަވާބުދާރީކުރުވަން، މިއަދު އަޅުގަނޑުމެންނަކަށް ނޭނގޭ ސަރުކާރު ޖަވާބުދާރީކުރަން ފަށާނީ ވެސް ކޮންތާކުން ކަމެއް. ފުރަތަމަ ދެއްކި ވާހަަކަތަކުންތޯ އިއްޔެ ދެއްކި ވާހަކަތަކުންތޯ، އެއްގޮތަކަށް ވެސް ނޭނގޭ މި ވާއެއް ނުވާއެއް ހަޤީޤަތުގައި،" ޑރ. ޝަމްޙީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު