އައިޖީއެމްއެޗް-
އައިޖީއެމްއެޗް-
މަންމައިންގެ ފަރާތުން ތުއްތު ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޓިސް ބީ ވާރުތަވުން ހުއްޓުވައި، "ޓްރިޕްލް އެލިމިނޭޓް"ކުރި ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ ވެއްޖެ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ކަނޑައަޅައިފިއެވެ.

މިކާމިޔާބީއާއި ގުޅިގެން ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ތާރީޚީ ދުވަހެއްކަމަށެވެ. އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޓިސް ބީ ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ރާއްޖެވުމަކީ ރާއްޖެއިން ސިއްޙީ ދާއިރާއިން ހޯދި ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވެ މިބަލިތައް ނައްތާލުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރެއްވި ހުރިހާ ސިއްޙީ އެހީތެރިންނަށް ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ޑަބްލިއުއެޗްއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއީ ރާއްޖޭގެ އާންމު ސިއްހީ ނިޒާމަށް ބަލާއިރު ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ އެޗްއައިވީއާއި ސިފިލިސް މައިންގެ ފަރާތުން ދަރިން ގަޔަށް އެރުން 2019 ވަނަ އަހަރު ރާއްޖޭން ހުއްޓުވާފައި ވާކަމަށެވެ. އަދި ހަމައެފަދައިން ހެޕިޓައިޓިސް ބީ ފެތުރުން ވެސް ހުއްޓުވިކަން އެ ޖަމިއްޔާއިން ބަލައިގަތުމާ އެކު 'ޓްރިޕްލް އެލިމިނޭޝަން' ހާސިލުކުރި ފުރަތަމަ ގައުމަށް ރާއްޖެ ވެފައިވާކަން އެ ޖަމިއްޔާއިން ވަނީ ފާހަަގަކޮށްފައެވެ.

ޑަބްލިއުއެޗްއޯއިން ބުނީ މައިންބަފައިންނާއި ކުޑަކުދިންގެ ސިއްހަތަށް ވަރުގަދަ ސިޔާސަތުތަކާއި ދެމެހެއްޓެނިވި އިންވެސްޓްމަންޓުތައް ކޮށް، މި ނުރައްކާތެރި ބަލިތައް މަންމަގެ ފަރާތުން ދަރިފުޅަށް ފެތުރުމާއި، އެ ބަލިތަކުން ލިބޭ ތަކުލީފު ނައްތާލުމަކީ ކުރެވިދާނެ ކަމެއްކަން ރާއްޖެއިން ދައްކުވައި ދީފައިވާ ކަމަށެވެ.

މިއީ އެހެން ގައުމުތަކަށް ވެސް ހުރި ނަމޫނާއެއް ގޮތުގައި ޑަބްލިއުއެޗްއޯއިން ވަނީ ފާހަަގަކުރައްވާފައެވެ.

2024 ވަނަ އަހަރުގެ ވަގުތީ އަންދާޒާތަކުން ދައްކާ ގޮތުގައި ދެކުނު އޭޝިއާ ސަރަހައްދުގައި އެކަނި، 23,000 އަށްވުރެ ގިނަ މާބަނޑު އަންހެނުންނަށް ސިފިލިސް ޖެހި، 8,000 އަށްވުރެ ގިނަ ކުދިން ވަނީ ސިފިލިސްއާއެކު އުފަންވެފައެވެ. އަދި 25,000 އެޗްއައިވީ ޕޮޒިޓިވް މާބަނޑު އަންހެނުންނަށް ދަރިންނަށް ބަލި ފެތުރުން ހުއްޓުވުމަށް ފަރުވާ ބޭނުންވެފައިވާއިރު، ހެޕަޓައިޓިސް ބީގެ ސަބަބުން މި ސަރަހައްދުގައި 42 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރުކުރަމުންދެއެވެ.

ޑަބްލިއުއެޗްއޯގެ ދެކުނު އޭޝިއާ ސަރަހައްދީ އޮފީހުގެ އޮފިސަރ އިން ޗާޖް ޑރ. ކެތަރީނާ ބޯމް ވިދާޅުވީ ދިވެހިރާއްޖޭގެ މި ކާމިޔާބީއަކީ ޔުނިވަރސަލް ހެލްތް ކަވަރޭޖަށް، އަދި ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ އެންމެންނަށް، ބިދޭސީންނަށްވެސް، ފެންވަރު ރަނގަޅު އަދި ހަމަހަމަ ފަރުވާ ފޯރުކޮށްދިނުމަށް ކުރެވުނު ދެމެހެއްޓެނިވި މަސައްކަތުގެ ހެކި ކަމަށެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭން ވަނީ މައިމީހާއާއި ކުޑަކުދިންގެ ސިއްހަތަށް ޚާއްސަ މިންގަނޑުތަކެއް ބިނާކޮށްފައެވެ. ޖުމުލަ 95 އިންސައްތައަށްވުރެ ގިނަ މާބަނޑު އަންހެނުންނަށް ވިހެއުމުގެ ކުރިން ފަރުވާ ލިބޭއިރު، އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީއަށް ބައިނަލްއަގްވާމީ ފެންވަރުުގެ ޓެސްޓްތައް ހަދައެވެ. އަދި، ވެކްސިން ޖެހުމުގެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ބިނާކޮށްފައިވާކަން ޑަބްލިޔުއެޗްއޯއިން ވަނީ ފާހަަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު