ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރެވޭނީ ކަމުގެ އަސްލު ދެނެގަނެ ރަނގަޅުކޮށްގެން ކަމަށާއި ބަދަލު ހިފައިގެން މައްސަަލަތައް ހައްލު ނުކުރެވޭނެ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި، އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާޤު، ވިދާޅުވެއްޖެއެވެ.

ފިރާޤު މިހެން ވިދާޅުވީ، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް (ކުރީގެ ޓްވިޓާ) ގައި އޭނާ ކުރެއްވި ޕޯސްޓެއްގައެވެ.

ފިރާޤު ވިދާޅުވީ، މައްސަލަތައް ހައްލުކުރެވޭނީ އެކަންކަމުގެ އަސްލު ދެނެގަނެ، އެކަންކަން ރަނގަޅުކޮށްގެން ކަމަށާއި، ބަދަލު ހިފައިގެނެއް ނޫން ކަމަށެވެ. އާންމުންގެ ބޮޑު ބަޔަކާ ކުރިމަތިލުމުގެ ބަދަލުގައި ސަރުކާރުން ފޯކަސް ކުރަންޖެހޭނީ މައްސަލަތަކުގެ އަސްލު ދެނެގަނެ އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ކަމަށް ފިރާޤު ވިދާޅުވިއެވެ. ގިނަ މީހުން ވާހަކަ ދައްކަނީ ނާއިންސާފުގެ ވާހަކައާއި ކޮރަޕްޝަންގެ ވާހަކަ ކަމަށް ފިރާޤު ފާހަގަކުރެއްވިއެވެ. މި މައްސަލަތައް ހައްލުކުރެވޭނީ ރަނގަޅު ވިސްނުމަކާއެކު އެކަންކަމާ ކުރިމަތިލާނަމަ ކަމަށް ފިރާޤު ވިދާޅުވިއެވެ.

"ބަދަލުހިފުމަކަށް ނޫނެވެ، އަދުލުވެރިވުމަށެވެ، އަމާނާތަށް ރައްކާތެރިވުމަށެވެ،" ފިރާޤު ވިދާޅުވިއެވެ.

ފިރާޤު މިހެން ވިދާޅުވެފައިމިވަނީ މިފަހުން އިދިކޮޅު އެމްޑީޕީގެ ކުރީގެ ވަޒީރުންތަކެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އޭސީސީއަށް ހާޒިރު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެމައްސަލައިގައި ކުރީގެ ރައީސް ސާލިޙް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ މިއީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް ކަމަށެވެ.

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، އޭނާ ހަތަރު އަހަރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ ޙުކުމްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު