އަންނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ 500 މިލިޔަން ޑޮލަރުގެ ސުކޫކު (7.6 ބިލިއަން ރުފިޔާ) ދެއްކުމުގައި ދަތިކަމެއް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ށ. ބިލެއްފަހީ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދަރަނި ދެއްކުމާއި މާލީ ކަންކަން ސަރުކާރުން ރޭވިގެން ވަރަށް ފުރިހަމައަށް ތަރުތީބުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވެސް ދަނީ ރަނގަޅު ޓްރަޖެކްޓަރީއެއްގައި ކުރިއަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެ ޑިފޯލްޓް ނުވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

"ރާއްޖެ ޑީފޯލްޓް އިރާދަކުރެވިއްޔާ ނުވާނެ. ފުރިހަމައަށް އިރާދަކުރެވިއްޔާ އަޅުގަނޑުމެން މިހުރީ ތަރުތީބުކޮށްފައި. އަޅުގަނޑުމެންގެ ރިޒާވް ވެސް އިރާދަކުރެވިއްޔާ ރަނގަޅު ގޮތުގައި ޓްރެޖެކްޓްރީ ހުރީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ދައްކަން ހުރި ބޭރުގެ އަދި އެތެރޭގެ ދަރަނިތައް ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި، ބައެއް ދަރަނިތަކަށް އެކުވެރި ދައުލަތްތަކާއި މަޝްވަރާކޮށްގެން ލުއިތައް ހޯދަމުންދާ ކަމަށެވެ. އެގޮތުން، ރީފައިނޭންސް ކުރުމާއި، ދަރަނި ދެއްކުން ލަސްކުރުން ނުވަތަ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަންނަ އަހަރު ދައްކަންޖެހޭ ސުކޫކު ޕޭމަންޓް ދެއްކުމަށް ކުރަމުންދާ މަސައްކަތް ފުރިހަމަކަމާއެކު ކާމިޔާބުވަމުންދާ ކަމަށާއި، އެކަމާ ގުޅޭގޮތުން ސަރުކާރަށް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަންނަ އަހަރު ދައްކަން އޮތް ސުކޫކް ޕޭމަންޓު ދެއްކުމުގައި ވެސް އަޅުގަނޑުމެން މި ބަރާބަރަށް ކުރަމުންދާ މަސައްކަތް ފުރިހަމަކަމާ އެކު ކާމިޔާބު ވަމުން ދަނީ. ފުރިހަމަ ކަމާ އެކު ކާމިޔާބު ވާނެ. އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތް،" ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދު ފުރިހަމަ ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައިދީ، ރާއްޖޭގެ ހުރިހާ ދާއިރާތަކެއް ކުރިއަރުވައި ރައްޔިތުންނަށް ފުރިހަމަ ތަރައްޤީ ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާ، މަސްވެރިކަން، ދަނޑުވެރިކަން އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފަދަ ދާއިރާތައް ކުރިއެރުވުމަށް މަގުފަހި ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ހުރިހާ ކަމެއް އެކުއެކީގައި ތަރުތީބުކޮށްގެން، ރައްޔިތުންނަށް އެންމެ ފުރިހަމަ ފައިދާ ލިބޭނެ ގޮތަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި 2021 ވަނަ އަހަރު ވިއްކި 500 މިލިއަން އެމެރިކާ ޑޮލަރު (7.7 ބިލިއަން ދިވެހި ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި 25 މިލިއަން އެމެރިކާ ޑޮލަރު (386 މިލިއަން ދިވެހި ރުފިޔާ) މިހާރުގެ ސަރުކާރުން މި މަހު ވަނީ ދައްކާފައެވެ.



ކިޔުންތެރިންގެ ހިޔާލު