މިއަދު އަމަލީ މަސައްކަތް ފެށި ށ. ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތް އެންމެ ލަސްވެގެން 30 މަސް ދުވަހުގެތެރޭގައި ނިންމައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ށ. ކޮމަންޑޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއަރޕޯޓުގެ މަސައްކަތް މިއަދު ފެށިގެން ދިޔައީ އެއްވެސް މަޑުޖެހުމެއްނެތި ހަލުއިކޮށް ކުރިޔަށްގެންދެވޭނެ ގޮތަށް ކަމަށާއި މި މަޝްރޫއުގެ ދަށުން މިއަދު ފެށިގެން ދިޔައީ ބިން ހިއްކުމަށް ބޭނުންވާ ބަންޑްވޯލް ޖެހުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ބަންޑްވޯލް ޖެހުމުގެ މަސައްކަތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި އިތުރު މަޑުޖެހުމެއް ނެތި ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިޔަށްދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އެއަޕޯޓް މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 48.8 ހެކްޓަރުގެ ބިން ހިއްކާނެކަމަށާއި ބިން ހިއްކުމުގެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމާ ގިނަވެގެން 30 މަަސްދުވަހުގެ ތެރޭގައި އެއަޕޯޓުގެ މަސައްކަތް ނިންމާ ހުޅުވާނެކަމަށެވެ. ރައީސް ވިދާޅުވީ އެއާޕޯޓު ވެގެންދާނީ އެމްއޭސީއެލްގެ އެސެޓަކަށް ކަމަށާއި އެއާޕޯޓު ތަރައްޤީކުރެވިގެން ދިޔުމާއިއެކު އެއާޕޯޓު އޮޕަރޭޓްވެސް ކުރާނީ އެކުންފުނީން ކަމަށެވެ.

ކޮމަންޑޫ އެއާޕޯޓު ހިމެނޭހެން ށ.އަތޮޅުގައި މިސަރުކާރުން ތަރައްޤީކުރާ ތިން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް ގެންނަ ޑްރެޖަރު އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ހަފްތާގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު