މައްސަލަ ރަޖިސްޓްރީ ކުރަން ދައްކަން ޖެހޭ 300 ރުފިޔާ ނުދެއްކި ކަމަށް ބުނެ، 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ބަލައިނުގަނެ ހައިކޯޓުން މިއަދު ބޭރުކޮށްލައިފިއެވެ.

ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝިދާގެ ސޮއާއެކު މިއަދު ކޯޓުން ބޭރުކޮށްލި މައްސަލައަކީ، 72 ކިލޯގެ މަސްތުވާތަކެތި މަސްދޯންޏެއްގައި އެތެރެކުރި މައްސަލައިގައި ދަޢުވާ ލިބުނު ތިން ފަރާތުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލައެވެ.

މައްސަލަ ބޭރުކޮށްލި ގޮތުގެ ރިޕޯޓުގައިވާ ގޮތުން، މައްސަލައިގެ ރަޖިސްޓްރީ ފީ ދެއްކުމަށް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެ ފީ ދައްކާފައިނުވާތީ، މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީއެވެ.

މި މައްސަލައަކީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހު "މަސްޖަރީ-2" ކިޔުނު ދޯންޏެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެވެ. މި މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ ސ. ހުޅުދޫ / ދޭލިއާގެ އިރުފާން ތަގިއްޔުއަށް ރައްދުވާގޮތަށް ދައުލަތުން ހައިކޯޓަށް ހުށަހެޅީ ޑައިފޯމިން ޓްރެފިކްކުރުމުގެ ކުށުގެ އިސްތިއުނާފު މައްސަލައެކެވެ.

މި މައްސަލައިގައި އިރުފާނާއެކު ދަޢުވާ ލިބުނު އިތުރު ދެ ފަރާތަކީ ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ އަޙްމަދު ނަޞީރު އަދި ހ. ގާޑްންބިޔުޓީ މުޙައްމަދު އަކްރަމްއެވެ. ކްރިމިނަލް ކޯޓުގެ ގާޟީ އިބްރާހީމް އިޙްސާން މި ތިން ފަރާތުގެ މައްޗަށްވެސް ނިންމެވީ ކުށް ސާބިތުނުވާ ކަމަށެވެ.

މި ތިން ފަރާތުގެ އިތުރުން މައްސަލައިގައި ހިމެނުނު އިތުރު ހަތް ފަރާތެއްގެ ދަޢުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އެގޮތަށް ނިންމީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ހުރި ގޮތުން އެ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ނެތްކަމަށް ގަބޫލުކުރެވޭތީ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު