ކޮންމެ ދުވަހަކީ ވެރިކަމަށް އައުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ހެދި ދޮގުތަކުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަވެ، ކަށަވަރުވާ ދުވަހެއް ކަމަށް އެމް.ޑީ.ޕީގެ ޕީ.ޖީ ލީޑަރ އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ކުރީގެ ބަންޑާރަ ނައިބު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރުމާއި ގުޅިގެން، އެމް.ޑީ.ޕީގެ ޕީ.ޖީ ލީޑަރ އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މި ސަރުކާރުން އޭރު ދެއްކި ވާހަކައާއި މިހާރު ދައްކާ ވާހަކައާއި ދެމެދު ވަރަށް ބޮޑު ތަފާތެއް ހުރި ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައީ ބޮޑެތި ދޮގުތައް ހަދައިގެން ރައްޔިތުންގެ ވޯޓު ހޯދައިގެން ކަމަށް ވިދާޅުވެ، އޭރު ހެދި ދޮގުތައް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެންޖެހޭ ކަމުގައި ނާޒިލް ވިދާޅުވިއެވެ. ނާޒިލް އިތުރަށް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.

"ކޮންމެ ދުވަހަކީ މި ބޭފުޅުން އޭރު ދެއްކި ވާހަކައަކީ ދޮގު ވާހަކަކަން ޔަގީންވެ ކަށަވަރުވާ ދުވަހެއް ކަން ރައްޔިތުންނަށް އެނގި ހާމަވަމުން އަންނަ ދުވަހެއް އަންނަ ދުވަހެއް އަޅުގަނޑު ފާހަގަކުރަން،" ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވަނީ ކުރިއަށް އޮތް ތަނުގައި މިކަހަލަ ކިތަންމެ ކަންތައްތަކެއް ފާހަގަވެ، ޙަޤީޤަތް ރައްޔިތުންނަށް އެނގިގެންދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މިކަންކަމާއި ގުޅިގެން ނާޒިލް ވަނީ ސަރުކާރަށް ފިއްތުން ކުރިމަތިކުރުމަށްޓަކައި، ނޮވެމްބަރު 17 ވަނަ ދުވަހު މާލޭ މަޖީދީމަގު ފުރާލައި، މަގުމައްޗަށް ނިކުތުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ނިކަމެތިވަނީ ސަރުކާރުގެ ބަޖެޓުގައި ހުންނަ ފައިސާ، ރައްޔިތުންނަށް ފައިދާވާ ކަންތައްތަކަށް ޚަރަދުނުކޮށް ސަރުކާރު ބޭނުންވާ ގޮތަށް ނުވަތަ ސަރުކާރުގެ ބަޔަކު ބޭނުންވާ ގޮތަށް ހުސްކޮށްލާތީ ކަމަށެވެ.

"ސަތޭކަ ދިހަ ބިލިއަން ރުފިޔާ ހުސްވިއިރު އާންމު ރައްޔިތު މީހާގެ ހާލަތު ރަނގަޅު ނުވެ، ދަށަށް ދާން ޖެހެނީ ކީއްވެތޯ ރައްޔިތުން އެބަ ސުވާލު އުފައްދާ،" ނާޒިލް ވިދާޅުވިއެވެ.

ރައްޔިތުންގެ ކަންބޮޑުންތައް ފާޅުކޮށް، ބަޖެޓުގެ ތަފްސީލުތައް ހާމަ ނުކުރާތީ މަގުމައްޗަށް ނިކުތުމަށް ނާޒިލް ގޮވާލެއްވިއެވެ. ރައްޔިތުންގެ މަޖިލީހުން 2026 ވަނަ އަހަރަށް ބަޖެޓު ފާސްކުރުމުގެ ކުރިން ބަޖެޓުގެ ތަފްސީލުތައް ހާމަކުރަންޖެހޭނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. ސަރުކާރު ޒިންމާދާރުކުރުމަށްޓަކައި ތަފްސީލު ބަޖެޓެއް ހޯދުމަށް ރައްޔިތުން މަގުމައްޗަށް ނިކުންނަންޖެހޭނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު