މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލޭ ބަނދަރުގެ ދެ ކޮންޓޭނަރުގެ ސިނގިރޭޓު ވަގަށް ގެންދިޔަ މައްސަލައިގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާން އިސްތިއުފާ ދެއްވުމަށް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފި އެވެ.

އައްބާސް މިކަމަށް ގޮވާލެއްވީ އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ހުރި ދެ ކޮންޓޭނަރުގެ ސިނގިރޭޓު ވަގަށް ގެންދިޔަ މައްސަލައަށް ފަހު ޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން މަސައްކަތް ކުރާ ކަމަށް ބުނެ އިއްޔެ އެ ކުންފުނިން ނެރުނު ބަޔާނާއި ގުޅިގެންނެވެ.

ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް ވިދާޅުވީ އެމްޕީއެލްގެ ސެކިއުރިޓީ ވަރުގަދަކުރަން އިތުރަށް އަޅާނެ ފިޔަވަޅެއް ނޯންނާނެ ކަމަށެވެ. އަދި މޮޅު ވާހަކަ ނުދައްކަވާ ގައުމަށް އެންމެ މޮޅު ގޮތަކަށް ވާނީ ސީއީއޯ ރިޝްވާން އިސްތިއުފާ ދެއްވުން ކަމަށް އައްބާސް ވިދާޅުވިއެވެ.

"ސެކިއުރިޓީ ވަރުގަދަ ކުރަން އިތުރަށް އަޅާނެ ފިޔަވަޅެއް ނުހުންނާނެ. އިތުރު ބަހަނާ ނުދައްކަވާ، މޮޅު ވާހަކަތައް ނުދައްކަވާ، އިހުލާސްތެރި ކަމެއް ހުރި ނަމަ މިހާރުން މިހާރަށް މަނިކުފާން އިސްތިއުފާ ދިނުން އެއީ ގައުމަށް، ރައްޔިތުންނަށް އެންމެ ރަނގަޅުވާނެ ގޮތަކީ، މަނިކުފާނުގެ އިހުމާލުން ތިކަން ތިހިސާބަށް ގޮސްފައިވަނީ. ބަނދަރުގައި މިހާރުވެސް ހުންނާނީ ދުނިޔޭގެ އެންމެ ކުރިއަރާފައި ހުރި ގައުމުތަކުގެ ބަނދަރުގައި ހުރި ސިސްޓަމް." އައްބާސް ވިދާޅުވިއެވެ.

ދެ ކޮންޓޭނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ހަތަރު މީހަކު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މަޝްހޫރު ދެ ވިޔަފާރިވެރިން ހިމެނޭހެން ހައްޔަރުކުރި އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު