އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް މަދުވެގެން 70 ނުވަތަ 80 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު މިރޭ ވިދާޅުވެއްޖެއެވެ.

2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި ޑަބްލިއުޑީސީ އިންތިޚާބު ބާއްވަން ނިންމާފައިވަނީ އަންނަ މާރިޗު މަހުގެ 28 ވަނަ ދުވަހުއެވެ.

ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ލޯކަލް ކައުންސިލްއިންތިހާބާއި ޑަބުލިއުޑީސީ އިންތިހާބު ބާއްވަން މަދުވެގެން ގާތްގަނޑަކަށް 70 އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ހަރަދުތައް ކުޑަކުރުމަށްޓަކައި މުސްތަގުބަލުގައި މަސައްކަތްތަކެއް ކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި، މި މަސައްކަތްތަކަކީ ހަމައެކަނި ހަރަދު ކުޑަކުރުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި މި ރާއްޖޭގެ ވޯޓު ލުމުގައި މަސްއޫލުވާ ހުރިހާ ފަރާތްތަކަށް، އެގޮތުން ވޯޓުލާ މީހުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންނާއި، އަދި އިދާރީ ގޮތުން މި އިންތިޒާމުތައް ބަލަހައްޓާ ހުރިހާ އެންމެންނަށް ލުއި ފަސޭހަ ގޮތްތައް ތަޢާރަފުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޒާހިދު ވިދާޅުވިއެވެ.

އީސީގެ ރައީސް ވިދާޅުވީ މި އިންތިހާބަށް ކުރާ ހަރަދުތައް ކުޑަކުރުމަށްޓަކައި މުސްތަގުބަލުގައި މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، މިފަހަރުގެ އިންތިހާބުގައި ކެންޑިޑޭސީ ހުށަހެޅުން އޮންލައިންކޮށް ޑިޖިޓަލްކޮށް ހަމަޖައްސާނެ ކަމަށެވެ.

މިގޮތުން، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅާނީ ކަރުދާހަކުން ނޫން ކަމަށާއި، އީސީގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް އަދި ޑިޖިޓަލްކޮށް ކަމަށް ޒާހިދު ވިދާޅުވިއެވެ. އީސީގެ ރައީސް އިތުރަށް ވިދާޅުވީ، މިއީ ފުރަތަމަ ފަހަރަށް ކެންޑިޑެސީ ވެސް އޮންލައިންކޮށް ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސާ އިންތިހާބު ކަމަށެވެ. މި އިންތިޚާބަކީ އޭގެ ޒާތުގައި އިދާރީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާންޖެހޭ ކަމެއް ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ކެންޑިޑޭސީ ހުށައެޅުމުގެ ފުރުސަތު ހުޅުވާލަން އީސީ އިން ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު