ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމަކީ ސަރުކާރުން ގާނޫނާ ޚިލާފަށް ކުރަން އުޅޭ ކަމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ޚިލާފަށް ސަރުކާރުން ކުރަން އުޅޭ ކަމެއް ކަމަށެވެ. އަދި މިއީ އެމްއެމްއޭ އިން މީގެ 2 މަސް ކުރިން ނެރުނު 'މަނިޓަރީ ޕޮލިސީ' އުސޫލުތަކާއި ދިމާ އިދިކޮޅަށް ކުރެވޭ ކަމެއްކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ މި މުއާމަލާތުގެ ސަބަބުން މިހާރުވެސް ގޯސްވެފައިވާ އިންފްލޭޝަންގެ މައްސަލަ އިތުރަށް ގޯސްވާނެ ކަމަށެވެ. މީގެ އިތުރުން މިކަމުގެ ސަބަބުން އެކްސްޗޭންޖް ރޭޓް (ބްލެކް މާކެޓު) އިތުރަށް ގޯސްވާނެ ކަމަށާއި، ޕެންޝަން އޮފީހުން މި މުއާމަލާތަށް އެއްބަސްވެ ކުރިޔަށް ގެންދިޔުމުން، ޕެންޝަން މެމްބަރުންގެ ފައިސާގެ އަގު، އިންފްލޭޝަން އާއެކު ދަށްވެގެންދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ޕެންޝަން ބޯޑުގެ މެމްބަރުން ވިސްނަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މިއީ ފިސްކަލް ޕޮލިސީ ހިންގަނީ ފިނޭންސް އިން ކަމަށާއި، މަނިޓަރީ ޕޮލިސީ ހިންގަނީ އެމްއެމްއޭ އިން ކަމަށް ބުނެ ފަރު ޖެއްސޭނެ ކަމެއް ނޫން ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ ސަރުކާރަށް ބޭރުން ފައިސާ ހޯދަން ނުކުޅެދި އަދި އެތެރެއިން ފައިސާ ހޯދާނެ އިތުރު ގޮތްތަކެއް ނެތުމުން، ޕެންޝަން އޮފީސް މެދުވެރިކޮށް ބިލިއަނުން ފައިސާ ހޯދުން، މިއީ އާ ކަމެއްގެ ފެށުން ކަމަށެވެ. އަދި މިއީ ފުރަތަމަ ފަހަރަކަށް ނުވާނެ ކަމަށާއި، ސަރުކާރަށް ފައިސާ ބޭނުންވެ، އިތުރަށް ޕެންޝަން މެދުވެރިކޮށް ފައިސާ މި އަންނަ އަހަރުވެސް ހޯދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރުގެ ޕޯސްޓުގައި ވިދާޅުވިގޮތުގައި ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނުގައި އެމްއެމްއޭ މެދުވެރިކޮށް، ފައިސާ ހޯދާނެ ގޮތް އަދި ހާލަތްތައް ބަޔާންކޮށްދީފައިވެއެވެ.

"މީގެއިން އެއްވެސް ހާލަތަކަށް ނުފެތި، އެމްއެމްއޭ އިން ސަރުކާރަށް ފައިސާ ޗާޕްކޮށްދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫން. ކޮވިޑްގެ އާލަމީ ވަބާއާއެކު ދިމާވި އިގްތިސާދީ މާލީ ކާރިސާއާއެކު ވެސް، އަޅުގަނޑުމެން ޚިޔާރުކުރީ ގާނޫނުގައި އޮންނަ ގޮތަށް، ހާމަކަން ބޮޑުކޮށް، މަޖްލީހަށް ހުށަހަޅައި، ބަހުސްކޮށް، ގާނޫނުގައި ބުނާގޮތަށް އެގްޒެމްޕްޝަންސް ހޯދަން. އެހާލަތެއް ނެތް މިހާރަކު ނުވެސް ނެތް،" އަމީރު ވިދާޅުވިއެވެ.

އަމީރު ވަނީ ސަރުކާރުގެ އިސްވެރިންގެ ނާޤާބިލްކަމުން، ސަރުކާރު ހިންގަން ދަތިވެ، ފައިސާ ހޯދާނެ އެހެން ގޮތެއް ނެތްނަމަ، ސިއްރުން މަކަރުވެރި ގޮތަކަށް ކަންތައް ނުކޮށް، ހާމަކަން ބޮޑުކޮށް މަޖިލިހަށް ހުށަހަޅައި ފާސްކޮށްގެން ކުރިޔަށް ގެންދަން ސަރުކާރަށް ގޮވާލާފައެވެ. އަދި ސަރުކާރު ކުންފުނިތައް، ބޭންކްތަކުން އިތުރަށް ނަގާނެ ފައިސާ ނެތުމުން، މިހާތަނަށް ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގައި ގެންގުޅެމުންދާ ހުރިހާ ޕްރިންސިޕަލްތަކެއް މުގުރާލާ، ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފަށް އެފަންޑުން ސަރުކާރަށް ފައިސާ ހޯދަން އެމް.އެމް.އޭ އިސްވެ އޮވެ، ކުރުވަމުންދާ މަސައްކަތް ހުއްޓާލުމަށް ވެސް އަމީރު ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް