ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކޮންމެ ކަމެއް ކުރައްވަނީ ސިޔާސީ ބޭނުމަށް އެކަނި ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) މިހެން ވިދާޅުވީ އައްޑޫ ސިޓީން އެ އަތޮޅުގެ ތިން ރަށެއް ވަކިކުރަން ފެނޭތޯ ބެލުމަށް ސަރުކާރުން ނަގާ ރިފަރަންޑަމް ވޯޓާއި ގުޅިގެން، އެކަމަށް އިޝާރަތް ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ، ޤާނޫނީ އެއްވެސް އިންތިޒާމެއް ނެތި ރައީސް މުޢިއްޒު ކޮންމެ ކަމެއް ކުރައްވަނީ ހަމައެކަނި ސިޔާސީ ބޭނުމަކަށް ކަމަށެވެ.

"އަސްލުވެސް! ޤާނޫނީ އިންތިޒާމެއް ނެތި ކޮންމެ ކަމެއް ރައީސް މުޢިއްޒު ކުރަނީ ސިޔާސީ ބޭނުމަށް އެކަނި." ވައްޑެ ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ހިންގާ ކަންކަމުގައި ހަމަހަމަ އުސޫލެއް ނެތްކަން ފާހަގަކުރައްވައި ވަހީދު ވަނީ، ސިޓީތައް ރޫޅާލުމުގެ މަސައްކަތް ކުރައްވަމުން ގެންދެވުމާއި، ގާތް މެންބަރުންގެ ރަށްރަށަށް ފަޅުރަށް ބައްސަވަމުން ގެންދެވުމަކީވެސް ވަކި ބަޔަކަށް ފައިދާވާނެ ގޮތަކަށް، އަނެއް ބަޔަކަށް ބޭއިންސާފުވާގޮތަށް ކުރައްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. ވަހީދު ވިދާޅުވީ، މިގޮތަށް ކަންކަން ކުރުމުގެ ސަބަބުން އެންމެ ބޮޑު ފިތުނަ އުފެދެމުންދާ ކަމަށެވެ.

ވަހީދު މިހެން ވިދާޅުވެފައިމިވަނި އައްޑޫ ސިޓީން ފޭދޫ، މަރަދޫ އަދި ހުޅުދޫ ވަކިކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ރިފަރަންޑަމް ވޯޓެއް ނެގުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ނިޔާޒް ވެސް ދާދިފަހުން ވިދާޅުވީ ރަށެއްގެ ބަޔަކު ސިޓީއަކުން ވަކިވުމަށް އެދޭނަމަ އެކަން ކުރަންޖެހޭ ގޮތް ފުރަޔަމަ ގާނޫނުގައި ލިޔަން ޖެހޭ ކަމަށެވެ. ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު ކަން ވެސް ކުރެއްވި ނިޔާޒު ވިދާޅުވީ ރަށެއް، ސިޓީ އެއްގެ ދަރަޖަ ހޯދަން އަމަލުކުރަންވީ އިޖުރާއަތްތައް ލާމަރުކަޒީ ގާނޫނުގަ ސާފުކޮށް ބުނެދޭ ކަމަށެވެ. އެހެންނަމަވެސް ސިޓީ އެއްގެ ގޮތުގަ އޮވެ ރަށެއް، އަވަށެއް ވަކިވުމުގެ އިޖުރާއަތެއް ގާނޫނަކު ލިޔެފައި ނުވާކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް