ކުރީގެ ރައީސް ސާލިޙްގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގައި ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް އުސޫލާ ޚިލާފަށް ޕޮއިންޓު ދީ، ފްލެޓް ދޫކުރި މައްސަލައިގައި ކުރީގެ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފްލެޓް ކޮމިޓީގެ މެންބަރުންތަކެއްގެ މައްޗަށް އުފުލާފައިވާ ދަޢުވާއަަށް އެ ފަރާތްތަކުން މިއަދު އިންކާރުކޮށްފިއެވެ.

މި މައްސަލައިގައި ކުރީގެ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފްލެޓް ކޮމިޓީގެ މެންބަރުންތަކެއްގެ ދަޢުވާ އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. މިގޮތުން އަކްރަމްގެ އިތުރުން ދަޢުވާ އުފުލާފައިވަނީ ފްލެޓް ކޮމިޓީގެ މެންބަރު އަދި ހައުސިންގ މިނިސްޓްރީގެ ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު ޢާރިފް، ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު އަޙްމަދު ވިޝާން ނަސީމް އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު ލިރުޣާމް ވަޙީދުގެ މައްޗަށެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި ހުރިހާ ފަރާތްތަކުން ވެސް ދަޢުވާއަށް އިންކާރުކޮށްފައިވެއެވެ. އަކްރަމްގެ ޤާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ޝަރުޠު ހަމަނުވާ އެއްވެސް ފަރާތަކަށް ފްލެޓް ދިނުމަށް އަކްރަމް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި، އުސޫލާ ޚިލާފަށް އަދި މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

މައްސަލަ ބައްލަވާ ޤާޟީ އާދަމް މުޙައްމަދު ވަނީ ދިފާޢީ ހެކި ހުށަހެޅުމާއި ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް މުއްދަތު ދީފައެވެ. އެ މުއްދަތުތަކަށްފަހު މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވަން ވަނީ ނިންމާފައެވެ.

މި މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ތަޙްޤީޤު ކުރަމުންދާއިރު، އަކްރަމާއި އޭރުގެ ބައެއް އިސް ވެރިންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ. އަދި 76 ޕޮއިންޓުގެ ގުރުއަތު ނުނަގައި 75 ޕޮއިންޓަށް 300 ފްލެޓް ދިން މައްސަލައެއް ވެސް ހައުސިންގ މިނިސްޓްރީން ވަނީ ތަޙްޤީޤުކޮށްދިނުމަށް އޭ.ސީ.ސީއަށް ހުށަހަޅާފައެވެ.

ހައުސިން މިިނިސްޓްރީ އިން ބުނީ ކުރީގެ ސަރުކާރުން 76 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބިފައިވާ 301 ފަރާތަކަށް ގުރުއަތުނުލައި ފްލެޓް ދޫކޮށްފައިވާއިރު، އެއަށްވުރެ ދަށް މާކްސް ކަމުގައިވާ 75 ޕޮއިންޓް ލިބިފައިވާ 315 ފަރާތަކަށް ފްލެޓް ހަމަޖައްސައިދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކުރީގެ ސަރުކާރުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރުމާ ގުޅިގެން، ގިނަ ފަރާތްތަކަކުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އަށް ޝަކުވާ ހުށަހަޅާފައިވެއެވެ. މި މައްސަލަތައް ތަޙްޤީޤުކުރުމަށްފަހު، އޭ.ސީ.ސީން ވަނީ ފުލެޓް ލިސްޓުގައި ހިމެނޭ 60 އިންސައްތަ ފަރާތްތަކަށް ފްލެޓް ދޫކުރުމުގައި އުސޫލާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާކަން ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް