ސަރުކާރުގެ މިދިޔަ ދެ އަހަރު ތެރޭގައި ދިވެހި ތާރިޚު ނުދެކޭފަދަ ތަރައްޤީ ގެނެސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބުދުއްރަޙީމް މިހެން ވިދާޅުވީ ރައީސް މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ފޮނަދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަޖިލީހުގެ ރައީސް ނިސްބަތްވެ ވަޑައިގަންނަވާ އަދި ތަމްސީލުކުރައްވާ ދާއިރާ ހިމެނޭ ފޮނަދޫގައި ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ އަބުދުއްރަޙީމް ވިދާޅުވީ ސަރުކާރުން މިދިޔަ ދެ އަހަރު ތެރޭގައި ދިވެހި ތާރީޚު ނުދެކޭފަދަ ތަރައްޤީ ގެނެސްފައިވާ ކަމަށެވެ. އެގޮތުން ތަރައްޤީ މިއަދު ހުރީ މެކުހަށް ޖަހާފައި ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

އަބުދުއްރަޙީމް ވިދާޅުވީ މިއަދާހަމައަށް އައިއިރު އަދުގެ ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަމަށެވެ. އޭގެ އެންމެ ބޮޑު ކާމިޔާބީއަކީ ދިވެހި ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ދައްކަންޖެހޭ ދަރަނި ދައްކަމުން، ދިޔުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، މަޝްރޫއުތައް ލަސްވުމަކުން ޝަކުވާއަކާއި ކަންބޮޑުވުމެއްވެސް ނެތް ކަމަށާއި، ހިތްހަމަނުޖެހުމެެއްވެސް ނެތް ކަަމަށެވެ.

ސަބަބަކީ ރައީސް ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، މި ގައުމު އޮތްހާލަތު އެނގޭތީ، ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ވާދަވެރިން ތިބީ ވަރަށް ފޯރިއާއި އެކީގައި ގައުމު ބަނގުރޫޓުވެގެން ހިނގައިދާނެ ކަަމަށް އަތްޖަހަން ތައްޔާރަށް ކަމަށެވެ. އަދި ތިން ހަތަރު މަހެއްްހާ ދުވަހުގެ ތެރޭގައި، ރާއްޖެ ބަނގުރޫޓުވެ، ވެރިކަން ނުކުރެވޭނެ ހިސާބަށް ގޮސްގެން، މި ވެރިކަން ނިމިގެން ހިނގައިދާނެކަމަށް އަތްޖަަހަން ފޫގަޅައިގެން ވާދަވެރިން ތިބި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"ރައީސްގެ ހިކުމަތްތެރިކަމާއި އެކީގައި ވިސްނުންތެރިކަމާއި އެކީގައި މަޑުމަޑުން، ކަމަކަށް ފަހު ކަމަކަށް އިސްކަން ދެއްވަމުން ކުރިއަށް ވަޑައިގެން، ދެ އަހަރު ހަމަވާން ކުޑަދުވަސްކޮޅަކަށްވީއިރު، ތަރައްގީގެ މަޝްރޫއުތައް މިހާރު މި ވަނީ މެކުހަށް ޖަހާފައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް