ވީރާނާވެފައިވާ ޣައްޒާ-
ވީރާނާވެފައިވާ ޣައްޒާ-
ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ފެށުން ފަސްކޮށްދިނުމަށް ޔަހޫދީ އިސްރާއީލުން އެމެރިކާގެ ކިބައިން އެދިއްޖެއެވެ.

އިސްރާއީލުގެ ބްރޯޑްކާސްޓިންގ އޮތޯރިޓީން ނެރުނު ރިޕޯޓެއްގައި ބުނީ ހަމާސްއިން ހަތިޔާރު ބަހައްޓައި އަދި އަމަލުން އެކަން ސާބިތުކުރަންދެން ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ފެށުން ފަސްކޮށްދޭން އެދިފައިވާ ކަމަށެވެ.

ހަމާސްއިން ޣައްޒާގައި ހަދާފައިވާ ޓަނަލްތައް ނައްތާލުމަކީވެސް، އިސްރާއީލުން އެމެރިކާއާއެކު މިހާރު ވާހަކަ ދައްކަމުން އަންނަ އެއް މައްސަލަ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

ހަމާސްގެ ޓަނަލްތައް ނައްތާލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ރަފަހްގައި ފަށަން އެމެރިކާއިން ޕްލޭން ކޮށްފައިވާ ކަމަށާއި، އެކަމަށް އިސްރާއީލު މިހާރު އެއްބަސްވެފައިވާ ކަމަށްވެސް ބްރޯޑްކާސްޓިންގ އޮތޯރިޓީން ވަނީ ބުނެފައެވެ.

އިސްރާއީލުން ބޭނުންވަނީ ހަމާސްއިން ހަތިޔާރު ބެހެއްޓުމަށްފަހު ޣައްޒާއިންވެސް ފައިބައިގެން ދިއުމަށެވެ. ނަމަވެސް، ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގައި ހަމާސް ހަތިޔާރު ބަހައްޓަން އެއްބަސްވެފައެއް ނުވެއެވެ.

ހަމަލާތައް ހުއްޓާލަން ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްލޭނެއްގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. ޓްރަމްޕްގެ ޕްލޭންގައި، މުސްތަގްބަލުގައި ޣައްޒާގައި ވެރިކަން ކުރުމުގައި ހަމާސްގެ އެއްވެސް ދައުރެއް އޮވެގެން ނުވާނޭ ކަމަށް ކަނޑައަޅާފައި ވެއެވެ.

ހަމާސްއިން ބުނީ ޣައްޒާގެ ވެރިކަން އޮންނާނެ ގޮތަކާއި، ވެރިކަން ކުރާނެ ބަޔަކު ކަނޑައެޅުމަކީ ފަލަސްތީނު ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށާއި، އެކަމަށް ގޮތް ކިޔާނީ ބޭރުގެ ފަރާތްތަކުން ނޫން ކަމަށެވެ.

ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމާއެކު، ޣައްޒާ އަލުން ބިނާކުރަން އެހީތެރިވާން އަރަބި އިސްލާމީ ގައުމުތަކާއި، ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ. އަދި ޓްރަމްޕްގެ ޕްލޭންގައިވެސް އެކަން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު