އައްޑޫ ސިޓީ ތަރައްޤީކުރުމަށް ބިދޭސީ މުހާޖިރުން ގެނައުމުގެ ބޭނުމެއް ނެތް ކަމަށް ކުރީގެ ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދު، ވިދާޅުވެއްޖެއެވެ.

އައްޑޫ ރެފަރެންޑަމް ވޯޓްގެ ބަހުސް ހޫނުވެފައިވަނިކޮށް އައްޑޫގައި ބިދޭސީންނަށް ދިރިއުޅުމުގެ ފުރުސަތު ދީގެން އާބާދީ އިތުރުކުރަން ކުރީގެ ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. އައްޑޫ ރެފަރެންޑަމް ވޯޓާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބު ޑރ. ސަވާދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަކީ މާލޭ ސަރަހައްދު ތޮއްޖެއްސުން ކަމަށް ދުށުމަކީ "ކޮށި ބުއްދި" އެއް ކަމަށެވެ. އަދި، އައްޑޫގެ އާބާދީ މާލޭ ސަރަހައްދަށް ޖަމާވާން ނުޖެހޭނެ ތަރުތީބަކުން ރާއްޖެ ތަރައްޤީ ކުރެވުމުން، އައްޑޫ ތަރައްޤީކުރަން ބިދޭސީ މުހާޖިރުން ގެންނާކަށް ނުޖެހޭނެ ކަމަށް ސަވާދު ވިދާޅުވިއެވެ.

ޑރ. ސަވާދު އިތުރަށް ވިދާޅުވީ އައްޑޫ ރެފަރެންޑަމްގެ މަޝްވަރާތަކުގެ ތެރެއިން، ދެފަރާތުގައި ތިބި މީހުންނަކީވެސް އެއްބައެއް ކަމަށާއި، ހުސް ދިވެހިން ކަމަށެވެ. އަދި އިދާރީ އަދި ދުސްތޫރީ ތަރުތީބުތަކާ ގުޅޭ ސިޔާސަތުތަކަކީ ދައުލަތުގެ މައި ސިފަތައް އެކުލެވޭ ކަންކަން ކަމަށް ޑރ. ސަވާދު ވިދާޅުވިއެވެ. އެގޮތުން، މިފަދަ ކަމަކަށް ބަދަލެއް ގެންނަ ކޮންމެ ފަހަރަކު އެބަދަލަކުން މުޅި ދުސްތޫރީ ރޭވުމަށް ކުރާނެ އަސަރުތަކަށް ބަލަން ޖެހޭނެ ކަމަށް ސަވާދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ރެފަރެންޑަމަކީ ހެޔޮ ނިޔަތުގައި ކުރާ އިޞްލާޙީ މަސައްކަތެއް ނަމަ، އެވޯޓު ނެގުމުގެ ކުރިން މުޅި ލާމަރުކަޒީ ނިޒާމުގެ އޮޑިޓެއް ކުރުން މުޙިންމު ކަމަށް ޑރ. ސަވާދު ވިދާޅުވިއެވެ. އެގޮތުން ސަވާދު ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ނިޒާމުން މިވޭތުވެ ދިޔަ ތަނުގައި ޙާޞިލްވި އެއްޗަކާ ނުވި އެއްޗެއް، ކުރި އަދި ނުކުރި ކަމެއް އެނގެން ޖެހެއެވެ.

ޑރ. ސަވާދު ވަނީ މިހާރަށްވުރެ ބޮޑަށް ރައްޔިތުން ބާރުވެރިކުރުވާ ލާމަރުކަޒީ ނިޒާމެއް ހިންގޭނެ ގޮތަކާމެދު ޤައުމީ މަޝްވަރާކުރެވި ރައްޔިތުންގެ ވިސްނުން ހޯދުމަށް ގޮވާލައްވާފައެވެ. ވަގުތީ ސިޔާސީ ބޭނުމަށް ދުސްތޫރީ ނިޒާމުގެ ތަންތަންކޮޅު ބަދަލުކޮށް ހެދީމާ ޙަޤީޤަތުގައި އެ ކުރެވެނީ ނިޒާމީ ގަޑުބަޑެއް ކަމަށް ޑރ.ސަވާދު ވިދާޅުވިއެވެ.

އައްޑޫގެ ތިން ރަށެއްގައި ވަކިވަކި ކައުންސިލްތަކެއް އުފެއްދުމާ ގުޅޭ ގޮތުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިފަރެންޑަމް ވޯޓުގެ ބަހުސް އާއި މެދު އައްޑު އަށް ނިސްބަތްވާ ފަރާތްތަކުންނާއި ސިޔާސީ އެކި ފަރާތްތަކުން ގެންދަނީ އެބޭފުޅުންގެ ޚިޔާލު ފާޅުކުރަމުންނެވެ.

އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު "އެކްސް" ގައި ވަނީ ގާނޫނުއަސާސީގެ ހުދޫދުގެ ތެރެއިން ބިދޭސީންނަށް އައްޑޫގައި ދިރިއުޅުމުގެ ފުރުސަތު ދީގެން އާބާދީ އިތުރު ކުރުމަށް ޚިޔާލުފުޅެއް ހުށައަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވާ، ފަންނީ އަދި ތައުލީމީ ބޭރު މީހުން ވަކި މުއްދަތެއް ވަންދެން އައްޑޫގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތެއް ކަމަށެވެ.

"އިސްލާމީ އުއްމަތުގައި މިފަދަ ފުރުސަތުގެ ބޭނުން ހިފާނެ ޒުވާން އިންޖިނިއަރުން، ޑޮކްޓަރުން، ޓީޗަރުން އަދި މި ނޫން ވެސް ފަންނީ މީހުން ބައިވަރު. އައްޑުއަކީ 50،000 މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް