އެކަނިވެރި މައިންނަށްދޭ އެލަވަންސް ބޮޑުކޮށް، ތެލަސީމިއާ ކުދިންނަށް ދޭނެ އެލަވަންސެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އިއުލާންކުރަށްވައިފިއެވެ.

އެމަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ، ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ގަމު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މިއަންނަ އަހަރު ބަޖެޓު ފާސްވެގެން ދިޔުމުން ޖެނުއަރީ މަހުން ފެށިގެން ސިންގަލް ޕޭރެންޓް އެލަވަންސް (އެކަނިވެރި މައިންނަށްދޭ އެލަވަންސް) ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއަށް ބޮޑުވެގެންދާނެ," ރައީސް ވިދާޅުވިއެވެ.

އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެއް ކުއްޖަކު ހުރި ނަމަ މިހާރު ލިބެނީ 2،000ރ. އެލަވަންސެކެވެ. އަދި އެއް ކުއްޖަކަށް ވުރެ އިތުރު ނަމަ ދެނީ ކުއްޖަކަށް 1،000ރ. އެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރުމަށް 211 މިލިއަން ރުފިޔާ ހަމަޖައްސާފައި ވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެކަނިވެރި މައިންގެ އެލަވަންސް ލިބެން ޖެހޭ 5،878 މީހަކު އެބަތިބިކަމަށެވެ.

މީގެ އިތުރުން ތެލަސީމިއާ ޕޭޝަޓުންނަށް 1،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާ ކަން ރައީސް އިއުލާންކުރެއްވިއެވެ. އެ އެލަވަންސްއާއެކު، މިހާރު ހޯދާ ފަރުވާއަށް އިތުރު އެހިީއެއް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް