ހުރިހާ ބާރެއް އޮވެ ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ގައުމުގެ ތަރައްގީއަށް ހިންގަން ޖެހޭ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނީ އެބޭފުޅެއްގެ އަމިއްލަ މައްސަލައަކުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވީ މިސަރުކާރުން ސޮއިކުރި އެތައް ޕްރޮޖެކްޓެއް ކުރިއަށް ނުދަނީ އިދިކޮޅުން ޖެއްސުން ކުރާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވާކަމަށް ބުނެ ރިޕޯޓުކޮށްފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓު ހިއްސާ ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލު ވަނީ ރައްޔިތުންގެ މަޖިލިހާ މުޅި ދައުލަތް އޮތީ ރައީސް މުއިއްޒުގެ މުށުތެރޭގައި ނޫންތޯ ސުވާލު ކުރަށްވާފައެވެ. ޑރ ޖަމީލު ވިދާޅުވީ ރައީސް އެ ދައްކަވަނީ ތާކުން ތާކު ނުޖެހޭ ވާހަކަ ކަމަށެވެ.

ރައީސް މުއިއްޒު ބޭނުންފުޅުވުމުން ބޭނުން ފިޔަވަޅެއް އެމަނިކުފާނު މީގެ ކުރިން އެކަންކަމުގައި އަޅުއްވައިފައިހުރިކަން ޑރ ޖަމީލު ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ބޭންކަކީ ބަޣާވާތް ކުރާތަނަކަށް ހަދާ ތަހުގީގަށް ހުށަހެޅި ކަމާ ދައުލަތުގެ ސްޓޭޓް މިނިސްޓަރަކަށް ސިހުރުގެ ތުހުމަތުކޮށް މަގާމުން ވަކިކުރި ކަމާ ހަމައެހެންމެ ކަރަންޓް ކެނޑޭތީ ސްޓެލްކޯގެ ޖިނާއީ ތަޙްގީގެއްވެސް ކުރަން ފެށިކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ ޖަމީލު ވިދާޅުވީ، މުޅި ދައުލަތުގެ ބަޖެޓް އަތްޕުޅަށް ނަންގަވައިގެން ރައީސް މުއިއްޒު ބޭނުންހާ ބެރަކަށް ނައްޓަވަމުން ދާއިރު ޕްރޮޖެކްޓްތައް ކުރިއަށް ނުދާނީ އެންމެ ސަބަބަކާ ހުރެ ކަމަށެވެ. އެއީ ރައީސް މުއިއްޒުގެ ކިބައިގައި މައްސަލައެއް ހުރެގެން ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު