އެސްއީޒެޑް ގާނޫނަށް ގެންނަ ބަދަލާއެކު ދައުލަތުގެ އާމްދަނީން ބޮޑުބައެއް ގެއްލި ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ގެއްލުމެއް ވާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ އިކްނޮމިކް މިނިސްޓަރު ފަައްޔާޒު އިސްމާޢިލް ވިދާޅުވީ އެސްއީޒެޑް ބިލަށް ހުށަހަޅާފައިވާ އިސްލާހަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ އިސްލާހެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު ފައިދާއެއް ލިބެމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާގައި ވަކި މަޝްރޫއުތަކަކަށް ޓެކްސް ލުއިތަކެއް ތައާރަފުކުރުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ ވަރަށް ބޮޑަށް ގެއްލިގެންދާނެ ކަމަށެވެ. މީގެ ސަބަބުން، ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް ވެސް އެޅިގެންދާނެ ކަމަށް ފަައްޔާޒު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފައްޔާޒު ވަނީ، މިހާރުގެ ރައީސް މުއިއްޒު "ދެމެހެއްޓެނިވި ޓައުންޝިޕް" އެއްގެ ގޮތުގައި ގިންތިކޮށްފައިވާ މަޝްރޫއަކަށް ޚާއްސަ އިމްތިޔާޒުތައް ދިނުމަށް ނިންމާފައިވާ ނިންމުމާމެދު ސުވާލު އުފައްދާފައެވެ. އޭނާ ވިދާޅުވީ، މި މަޝްރޫއު ހޯދާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީ ސަރުކާރުގެ ދައުރުގައި، އާންމު ފަތުރުވެރިކަމުގެ މަޝްރޫއެއްގެ ގޮތުގައި، އެއްވެސް އިމްތިޔާޒެއް ދޭނެ ކަމުގެ ވައުދެއް ނެތި ކަމަށެވެ. އެހެންކަމުން، ވަކި މަޝްރޫއަކަށް ކުއްލިއަކަށް ނުހައްގު އިމްތިޔާޒުތަކެއް ދިނުމަށް ނިންމުމަކީ ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ނ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް ޓެކްސް އިމްތިޔާޒުތަކެއް ނުވަތަ ލުއިތަކެއް ދޭން ނުޖެހޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ 4 އިންސައްތައިގެ ޕްރޮޕަޓީ ޓްރާންސްފަރ ޓެކްސް ފަތުރުވެރިކަމުގެ ހުރިހާ ރިއަލް އެސްޓޭޓް ވިއްކުންތަކަށް ނެގުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ޖޫން 19 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުނު ފަތުރުވެރިކަމުގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުންނެވެ. ނަމަވެސް މި އިސްލާހު މިހާރުގެ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަނބުރާ ގެންދިޔަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މުޅި ދާއިރާއަށް މީގެ ފައިދާ ލިބޭގޮތަށް ހަމަޖެއްސުމުގެ ބަދަލުގައި ވަކި މަޝްރޫއުތަކަކަށް އެކަނި މިކަން ތަންފީޒުކުރުމަށް ސަރުކާރުން ހުށަހެޅުމަކީ ސަރުކާރުގެ ނުބައި ނިޔަތް ހާމަވެގެންދާ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު